Showing posts with label Tourism. Show all posts
Showing posts with label Tourism. Show all posts

Monday, July 6, 2015

މީދަލަށް ދިން ލަނޑު ދިވެހިންނަށް ދެވިދާނެތަ؟




 

އެއްސަހަރެއްގައި މީދަލުގެ އުނދަގޫ ވަރަށް ބޮޑުވެއްޖެއެވެ. ކައްކާ ހުރިހާ ކާތަކެތި ކަނީއެވެ. ކުޑަކުދިންނަށް އުނދަގޫކުރަނީއެވެ. ދަނޑުބިންތައް ހަލާކުރަނީއެވެ. އެސަހަރުގެ މީހުން މީދާ ބޭސްލާ، ކާތަކެތި ފޮރުވާ، އެތައް ކަމެއް ކޮށްގެންވެސް މީދަލެއް ރަށުން ހުހެއް ނުކުރެވުނެވެ. އެހެން ހުއްޓާ  މާދުރު ޝަހަރަކުން މީހަކު އެރަށަށް އަރާ ރަސްގެފާނު ކައިރީ މީދާތަކުން ޝަހަރު ހުސްކޮށްދިނުމަށް ހުށަހެޅިއެވެ. ރަސްގެފާނު މިކަމަށް ހުއްދަ ދެއްވުމުން އޭނާގެ އަތުގައި އޮތް ދުންމާރިއަކުން މިއުޒިކް ކުޅެން ފަށައިފިއެވެ. މިދުންމާރީގެ ރީތި އަޑަށް ހުރިހާ މީދާތައް ހޮރުހޮރުން ނިކުމެ އޭނާކައިރިއަށް ޖަމާވެއްޖެއެވެ. ޖަމާވުމުން އޭނާ މިދާތަކާއެކު ދުންމާރި ފުމެމުން ރީތި މިއުޒިކް އަޑު އިއްވަމުން ބަދަރުމައްޗަށް ދިމާއަށް ދިއައެވެ. އެހިސާބުން މީދާތައް ކަނޑަށް އެޅި މަރުވެ މީދަލުން ރަށް ހުސްކުރެވިއެއްޖެވެ.

މިބީދައިން ރާއްޖޭގެ ރީތި ނަލަ ރަށްތަކުން ނެގޭނެ ފައިދާ ބަޔަކަށް ފެނި 100 އެތައް ރަށަކުން އެފައިދާ ނަގައިގެން ބަޔަކު ވަރަށް މުއްސަނދިވެއްޖެއެވެ. ހަމައެއާއެކު މަދު އާއިލާއެއްގެ ތެރޭގައި ބާރުތައް ޖަމާކޮށް ބެހެއްޓުމަށް ހުރިހާ ރައްޔިތުން އެއްތަނަކަށް ޖަމާކޮށް ކުލީ ފްލެޓްތަކުގައި މުސާރައިގެ އަޅުންނަށް ހެދުމުގެ މޮޅުކަންވެސް ބަޔަކަށް ވިސްނިއްޖެއެވެ. މި 2 ކަންތައް ހާސިލްކުރުމަށް މީހުން ދިރިއުޅޭ ރަށްތައް ހުސްކޮށް ރައްޔިތުން އެއްތާކަށް ޖަމާކުރުމަށްޓަކާ ރަގަޅު ތައުލީމު، ބޭސްފަރުވާ، ވަޒީފާ، ދަތުރު ފަތުރު، އުމްރާނީ ތަރައްގީ، ބޯފެނާ ނަރުދަމާ، ހަމައެކަނި މާލެ ކިޔާ އެންމެ ރަށެއްގައި ދީފައި އެހެން އެއްވެސް ރަށަކަށް ފުރިހަމަޔަށް އެކަން ލިބުނަ ނުދީ 50 އަހަރަށް ހިފެހެއްޓިއްޖެއެވެ. މިގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ރަށްތައްވެސް ހިމެނެއެވެ. 
އެހުރިހާ ދަތިކުރުމަކުންވެސް އެރައްތައް އެއްކޮށް ހުސްވާގޮތެއް ނުވެ އަދި މާނުރައްކާތެރި ކަމެއް މެދުވެރިވެއްޖެއެވެ. 

އެއި ކޮންމެވެސް ވަރަކަށް ދަތުރު ފަތުރު ލިބި ފަތުރުވެރިކަމުގެ ކުދި ވިޔަފާރި ބައެއް ރަށްތަކުގައި ފެށި އެކަމާ ގުޅިގެން އެޚެން މަސައްކަތްތައްވެސް ފެށި އާދައިގެ ރައްޔިތުންގެ ޖީބަށް އަމިއްލަ މަސައްކަތުން ފައިސާ ވަންނަން ފެށުމެވެ. 

މުސާރައިގެ އަޅުންނަށް ވުމުން ސަލާމަތް ވާނެ މަގެއް ގިނަ ރައްޔިތުންނަށް ފެނުމެވެ. 

މިހިސާބަށް ކަންތައް ދިއުމުން މިހާރު އަމަލު ނުކޮށްފިނަމަ މިރީތި ނަލަ ރައްތައް، އެތަންތަނުގެ ވަޒަންވެރިންގެ އަތުން ހުސްނުވެދާނެ ކަމުގެ ބިރުހީވެ ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ކަހަލަ ގޮތަކަށް ބޭނުންކޮށްގެން  ވަރަށް ވިސްނާފައި ބޮޑެތި ރައްތައް ހުއްޓައި، ކުލީ ފްލެޓްގެ އާ "ކުލީޓައުން" އެއް ކަނޑުހިއްކައިގެން ހަދާ މި ކުލީ ޓައުނަށް ހުޅުމާލެ ކިޔާ ނަންދީފިއެވެ. އަދި އެތަނުގެ އެކި ފާޑުގެ ރީތި ކުރެހުން ކުރަހާ ރައްޔިތުންނަށް ދައްކައިފިއެވެ. ރަށުގެ އޮތް ބޮޑު ގޯތި ފްލެޓަކަށް ޓަކާ ދޫކޮށްލުމުގެ މޮޅުކަން ކިޔާދޭން ފަށައިފިއެވެ. މިކުރެހުން ފެނި ބައެއް ރައްޔިތުން އެމީހުންގެ ގޮޅިއަށް އަންނަން ފަށައިފިއެވެ. 

ސުވާލަކީ ދިވެހި ރައްޔިތުންނަށް މީދާތަކަށް ވީގޮތް ވާނީތޯއެވެ؟ ޖަވާބަކީ ހަމަ ހިލާ ނުވާނެއެއެވެ.  ގިނަ ރައްޔިތުން ތަކަކަށް މިހާރު މިކުރަން އުޅޭ ކަންތައް ވިސްނި ކުލިދައްކަން ބުރަ މަސައްކަތް ނުކޮށް ރަށާ އާއިލާގެ ކުރިއެރުމަށް ބުރަމަސައްކަތް ކުރަން ވެއްޖެ ކަމުގެ އިހްސާސް ވާން ފަށައިފިއެވެ. 

ހިއްވަރު ކުރާށެވެ. ހައްގުތައް ހޯދާށެވެ. ރަށު ޓެކްސް އާ އަތޮޅުގެ އެކި ވިޔަފާރި ތަކުންނާ ރިސޯޓްތަކުން ލިބޭ އާމްދަނީން ބައެއް ރަށަށް އަތޮޅަށް ޖަމާކޮށް ކުލީގެ އަޅުންނަށް ވުމުން ސަލާމަތްވެ ހަމަ އިސްކޮޅަށް ދެމިލާ މިނިވަން ވާށެވެ. ސަލާންޖެހުމުން މިނިވަން ވާށެވެ! 


Sunday, July 20, 2014

ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައި





ގޮތެއް ފެނި ހަލާލް މަސައްކަތެއް ކޮށްގެން ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ގިނަވި ވަރަކަށް ރައްޔިތުން ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް ކޮންޓްރޯލް ކުރަން އުދަނގޫވެއެވެ. ސިޔާސީ މީހާ މަގުން ކައްސާލާ ކަރަޕްޝަނާ ފަސާދައިން ތަތްތެޅި ތެމި ފޯވަމުން ދާއިރު އަނބިދަރިން ބިކަނުވާނެ ކަމުގެ ގެރެންޓީއާއިއެކު ބަސްބުނެ ޖަވާބުދާރީ ކުރުވަން، ފުދުންތެރި ރައްޔިތަކު ފަސްނުޖެހޭނެއެވެ. އަދި ކަމެއް ބޭނުންވުމުން އަބަދު ސިޔާސީމީހުންނާ މަހުޖަނުން  ފަހާ ސަލާންޖަހަން ދާކަށްވެސް ނުޖެހޭނެވެ. މިހެންވުމާއިއެކު ހަލާލު މަސައްކަތަކުން ފުދުންތެރި މިނިވަން ރައްޔިތެއް އުފެދުމުކީ ސިޔާސީ މީހުންނާ މަހުޖަނުންގެ އެންމެ ބޮޑުބިރެވެ. ގައުމުގެ އިގްތިސާދަށާ ރައްޔިތުން ކުރިއެރުމަށް ގެއްލުން ކޮށްފައިވެސް ހަމައެކަނި ސިޔާސީ ވެރިންނާ މަހުޖަނުންނަށް ފައިދާވާގޮތަށް އޮތް އޮތުން ނިމުމަކަށް އައުމީ މިދެންނެވި ބިރުގެ އަސްލެވެ. އިގްތިސާދީ އަޅުވެތިކަމުގެ ސިޔާސަތު ހިންގޭނީ އާދައިގެ މީހުންނަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުން އުދަނގޫކުރުމާ ބަންދުކުރުމާއި މަނާކުރުމާއި ދަތިކުރުމާއި ލަސްކުރުން ފަދަ ފިޔަވަޅުތަކުންނެވެ. މިފުރުސަތުގައި ސަރުކާރުން ރާއްޖެތެރޭގެ  އިގްތިސާދު ކުރިއެރުމާއި ގުޅިފައިވާ ހަތަރު ދާއިރާއަކުން ދަތިކުރުމާ އަޅާނުލުމުގެ އަމަލުތައް ފެންނަމުން ދެއެވެ. އެއީ؛- 


1. މިހާރު ރަށްތަކުގައި ފެށިފައިވާ ހަލާލްޓުއަރިޒަމް އެގޮތުގައި ކުރިއެރުވުމާއި  މުޅި އިންޑަސްޓްރީ ރެގިއުލޭޓްކޮށް އޮމާންކޮށް ހިނގޭނެ ގޮތް ހެދުމުގެ ބަދަލުގައި ސީދާ އާދައިގެ ރައްޔިތުންނާ ވާދަކުރުމަށް ގެސްޓްހައުސް ވިޔަފާރިތެރެއަށް ސަރުކާރު ވަދެ އާންމު ރައްޔިތުންނަށްވުރެ ރިސޯޓްތަކުގެ މަހުޖަނުންނަށް ފަސޭހަކަމާއެކު އެކަމުގެ ތެރޭގައި އުޅެވޭނެ ގޮތް ހެދުން.

2.  ޕްރޮޖެކްޓަކަށް ފައިސާ ހޯދުމަށާއި އިގްތިސާދީ އިތުރު މަސައްކަތްތައް ހިންގަން ރަށު ރައްޔިތުންނަށް ލިބިފައިވާ އެންމެ ވަރުގަދަ އެއްވަސީލަތް ކަމަށްވާ ރައްޔިތުންގެ ބިންތައް ފަސޭހައިން ރައްޔިތުން އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ބަދަލުގައި ބިން ބޭނުންކުރުމަކީ ސީދާ ރައީސްގެ ހުއްދަ ލިބިގެން ނޫނީ ނުކުރެވޭނެކަމަށް ހެދުން.

3. އުތުރާއި ދެކުނުން ހަނިމާދޫ  އަދި ގަން އެއަރޕޯޓް ރަގަޅަށް އިންޓަރނޭޝަނަލްކޮށް ރާއްޖެތެރެއާ ދުނިޔެއާގުޅާލުމަށް ލަސްކުރުމާ ހަރަކާތްތެރިނުވުން. މިކަންކަން ކުރަން ބޭނުންވާ އިންވެސްޓަރުން އެތިބީ ސަރުކާރުން އިޖާބަދެނިވި ގޮތަކަށް އަމަލުކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

4. ދަތުރު ފަތުރަކީ މަސައްކައްތެރިންނާ އުފެއްދުންތަކާ ޚިދުމަތާ އެއްތަނުން އަނެއްތަނަށް އުފުލާދޭ އިގްތިސާދުގެ ލޭނާރުކަން ދަނެ އެއްރަށާ އަނެއް ރަށާ އަދި އެއް އަތޮޅާ އަނެއް އަތޮޅުގެ ފެރީގެ ނިޒާމް ވަރުގަދަކޮށް މުޅިރާއްޖެ ގުޅާލުމަށް އެކަށީގެންވާ ޚަރަދެއްކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި 5 މިނިޓް ފެރީން ދެވޭ މާލޭ ހުޅުމާލެއަށް 2 ބިލިއަނާ ގާތްކުރާ ޢަދަދަކަށް ފައިސާޚަރަދުކޮށް ބްރިޖެއް އެޅުމަށް ސަރުކާރުން އެދަނީ ތައްޔާރުވަމުންނެވެ.  ދަތުރު ފަތުރުން މުޅިރާއްޖެ ގުޅިއްޖެނަމަ ހއ. ތުރާކުނުންސ. ގަމާ ހަމަޔަށް އެކަމުގެ ފައިދާވެ އާދައިގެ ރައްޔިތުން ހައްދާ އުފައްދާ ތަކެތި ވިއްކޭނެ ގޮތެއްވެ، މެދުފަންތީގެ ފަތުރު ވެރިކަން ކުރިއަރާ ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ އިގްތިސާދު އެތައް ތަނެއް ކުރިއަރައިގެން ދާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ.
 
ހަލާލު މަސައްކަތަކުން ފުދުންތެރި މިނިވަން ރައްޔިތެއް އުފެދުމުކީ ސިޔާސީ މީހުންނާ މަހުޖަނުންގެ އެންމެ ބޮޑުބިރެވެ. ގައުމުގެ އިގްތިސާދަށާ ރައްޔިތުން ކުރިއެރުމަށް ގެއްލުން ކޮށްފައިވެސް ހަމައެކަނި ސިޔާސީ ވެރިންނާ މަހުޖަނުންނަށް ފައިދާވާގޮތަށް އޮތް އޮތުން ނިމުމަކަށް އައުމީ މިދެންނެވި ބިރުގެ އަސްލެވެ.

ސަރުކާރުގެ އަމަލުތަކަށް ބަލާއިރު އިގްތިސާދީ ސިޔާސަތަކަށް ހިންގާތަން މިފެންނަނީ އާދައިގެ ރައްޔިތުންނަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުން އުނދަގޫވާނެ ގޮތްތަކެއްގައެވެ. އިގްތިސާދީ ސިޔާސަތުތައް މިހާރު މިތަންފީޒުކުރާ ގޮތުގެ ސަބަބުން ފަގީރުން އަދި މެދުފަންތި އިނދަޖެހި ގައުމުގެ މުއްސަދިކަމުގެ %90ޕަސެންޓް ކޮންޓްރޯލް ކުރާ %10 މަހުޖަނުންނަށް އަދި މުޅިން ނުލިބި އޮތް، %90 ރައްޔިތުންގެ ހިއްސާވާ، އެންމެ %10، މުއްސަދިކަން އެރައްޔިތުންގެ އަތުން ނިގުޅައިގަނެވި މަހުޖަނުންނަށް ވެދުމަށް އެރުވުނީއެވެ. އިގްތިސާދީ އަދި ސިޔާސީ އަޅުވެތިކަން  %100 ފުރިހަމަޔަށް ހިންގޭނީ އަދި އޭރުންނެވެ. އަދި މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެތެރޭގެ ރައްޔިތުންނަށެވެ.  
 

Meedhaa