Showing posts with label Economic sanctions. Show all posts
Showing posts with label Economic sanctions. Show all posts

Friday, July 24, 2015

ރާއްޖެ ވިއްކުމަށްޓަކާ ރާއްޖެތެރޭ މީހުން ޖަލެއްްގައި ގައިދުކުރުމަށް އަޅައިދޭ ފާލަމެއްގެ ވާހަކަ!





ދިވެހިމަސްކައި، ދިވެހިލޭ ހިނގާ ދިވެހިދަރިއަކަށް ރާއްޖޭގެ އުތުރާ ދެކުނުގައިވާ މާސިންގާ ބޮޑެތި ރަށްތައް ތަރައްގީނުކޮށް 300މިލިއަން ޑޮލަރު ބްރިޖަކަށް ހުސްކޮށްލަން ކެރޭނެތޯއެވެ؟



ހުޅު-މާލޭ 300 މިލިއަން ޑޮލަރުގެ ބްރިޖަކީ މާލޭގައި އޮތް ސަރުކާޜުން ރާއްޖެތެރެއާ މެދު ގެންގުޅޭ ރޭސިސަމްއާ ތަފާތުކުރުމުގެ އެންމެ އަލިގަދަ ހެއްކެވެ. މި ބްރިޖަށް ފައިސާ ދައްކާނީ ރާއްޖެތެރޭ މީހުންގެ ލެއިން، ރެއާދުވާލު ކުރާ މަސައްކަތުން ދައްކާ ޓެކުހުންނާ އެންމެހާ ރައްޔިތުންގެ މުދަލުން (ރަށްތައް) ނެވެ.ރާއްޖޭގެ ރަށްތަކަކީ ދިވެހިންނަށް އެކަނލާގެ ދެއްވި ރިޒުގު ކަމަށްވިޔަސް، ރަށްތައް ދީގެން ހުޅުމާލޭ ބްރިޖް އެޅުނަސް، ރަށްތައް ދީގެންހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރެވޭ ކަމަކަށް، ކުޅުދުއްފުށީ އެއަރޕޯޓް ހެދޭ ކަމަކަށް،  މުޅި ރާއްޖޭގެ ފެރީ ނިޒާމް ހިންގޭ ކަމަކަށް، އުތުރާ ދެކުނުގެ ޓާރޝަރީ ހޮސްޕިޓަލް ހެދޭކަމަކަށް ނުވިއެވެ. ދިވެހިރާއްޖޭގެ ރަށްތަކަކީ އެއީ ހަމައެކަނި ގްރޭޓަރ މާލެއަށްޓަކާ އޮތް އެއްޗެެއް ކަހަލައެވެ.



ރާއްޖެތެރޭ މީހުން ބޭނުންވަނީ ބްރިޖެއްތަ؟



ސަރުކާރުން ހީކޮށްގެން އުޅެނީ ރާއްޖެތެރޭމީހާވެސް ވޯޓުލީ މާލޭގައި 300މިލިއަންޑޮލަރު ބްރިޖެއް އަޅަންކަމަށެވެ.ސުވާލަކީ ރާއްޖެތެރޭ މީހާ؛ އަނގަމަތި ދޯންޏެއްގައި ވިހަން ޖެހޭއިރު، ދަރިފުޅު ލައިބްރަރީ ނެތް ސުކޫލަކަށް ދާއިރު، މަހުމުސާރައަށް ލިބޭ 3000 ރުފިޔާއިން 2000 ރުފިޔާ ކުއްޔަށް ދައްކާއިރު، އަނބިދަރިން ކައިރިއަށް ރަށަށް ދިއުމަށް ޓެކްސް ދައްކަން ޖައްސާފައިވާއިރު، ޔޫރިން ޓެސްޓް ހަދަން އެންމެ ކައިރި ހޮސްޕިޓަލަށް ދާން 2000 ރުފިޔާ ހޭދަކުރަން ޖެހޭއިރު، ލޭޓެސްޓް ހަދަން ޖެހިއްޖެނަމަ މާލެ ދިއުން ނޫން ގޮތެއް ނެތްއިރު، ރާއްޖެތެރެމީހާއަށް ބޭނުންވަނީ ހަމަ މަލޭ ބްރިޖެއް ތޯއެވެ؟



ބްރިޖުން ފައިދާކުރާނެއެވެ. އެކަމަކު އެ ފައިދާ ކުރާނީ ކޮންބަޔަކަށްތޯ ނާހާށެވެ!

ބްރިޖުން ރާއްޖެތެރެ މީހާއަށްވެސް ފައިދާ ކުރާނޭ ބުނާއިރު ރާއްޖެތެރޭމީހާ މާލޭގައި ބްރިޖެއް އަޅައިދޭށޭ،ބުނީ ކޮންއިރަކުތޯއެވެ؟ މީހުން ދިރިއުޅޭ ރާއްޖޭގެ ބޮޑެެތި ބިންތައް ހުއްޓައި އެތަންތަން ތަރައްގީ ނުކޮށް ބިންނެތް ތަނަކުން އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށް ބިންހިއްކުމުން، އެބިން އަގުބޮޑުވެ ވަކި ބަޔަކަށް ނޫނީ ނުލިބުމުގެ ސަބަބުން، ރާއްޖޭގެ އެންމެހާ ރައްޔިތުން ހޯދާ ފައިސާ ގެދޮރުވިޔަފާރިކުރާ ސަރުކާރުގައި އުޅޭ ވިޔަފާރިވެރިންނާ އަދި އަމިއްލަ ވިޔަފާރިވެރިންގެ ޖީބުތެރެއަށް ފަސޭހަކަމާއެކު ވަދެގެން ދިއުމަކީ ފައިދާއަކަށް ވާނަމަ އެއޮތީ ފައިދާވެފައެވެ. އެހެންގޮތަކަށް ބުނާނަމަ ރައްޖެތޭރޭމީހާ ބުރަމަސައްކަތުން ހޯދާ ފައިސާކޮޅު ކުލީގެ ނަމުގައި ފޭރުމަކީ ވަރަށް ބޮޑު ނަފާއާ ފައިދާ މަދު ބަޔަކަށް ލިބޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ކުލީގެ އަޅުވެތިކަމެއްގައި ރާއްޖޭގެ އެތައް ރައްޔިތަކު ޖެއްސުމާއި،  އެރައްޔިތުން ދިގުމުއްދަތަކަށް އަޅުވެތި ކުރުމުގެ ފައިދާވެސް ވެރިކަމުގައި ގިނަދުވަހު ތިބެން ބޭނުން ބަޔަކަށް ނެގުނީއެވެ.




އެހެންކަމުން ހުޅުމާލެއާ މި ބްރިޖަކީބިންވެރި މަހުޖަނުން އިތުރަށް މުއްސަނދި ވެލުމަށް ސަރުކާރުނަމުގައި ޖަހާދަންތުރައެެކެވެ. ދިގުމުއްދަތުގަ ހުރިހާޚަރަދެއް އަދާކުރާނީ ރާއްޖެތެރޭ ރައްޔިތުންގެ ލެއިންނެވެ. އަދި ބޯނަސްއެއްގެ ގޮތުގައި ފަޅުވާރާއްޖެތެރޭގެ ރަށްތައް އެމީހުން ހޯދާ ވިއްކާ ކުއްޔަށްދީގެން މިލިއަނުން ފައިދާ ނެގޭނެއެވެ. 



އެތައް ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ރާއްޖޭގެ ހާލަތު!



ރާއްޖެއަށް އެންމެ ބޭނުންވަނީ ބްރިޖެއްކަމަށް ސަރުކާރުން ނިންމި ނިންމުން ބިނާކުރިދިރާސާ ހޯދަން އުޅެއުޅެ ނުފެނުނެެވެ. ވުޖޫދުގައި ނެތް އެއްޗެއް ނުފެންނާނެތާއެވެ. އެފަދަ ބޮޑު ޚަރަދެއް ތަންދޮރު ދަންނަ މީހުން ކުރާނީ ދިރާސާތަކަކަށް ފަހު ރިޕޯޓްތަކެއް ލިއެ އޭގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީ އެވެސް ހޯދަން އުޅެވެނީއެވެ. ނަމަވެސް އެހޯދަން އުޅުނުވަރަކަށް ފެންނަނީ ރާއްޖޭގެ ހާލަތާ ތަރައްގީކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ހަދާފައިވާ އެެތައް އެތައް ރިޕޯޓްތަކާ ދިރާސާތަކެކެވެ ކަމުގެ މާހިރުން އެކި ފޯރަމްތަކުގައި ދައްކާފައިވާ ހަގީގަތްތަކެވެ. ޝާއިއުކޮށްފައިވާ ރާއްޖޭގެ ހާލަތު އަންގައިދޭ  މަޢުލޫމާތަށް ބަލާއިރު




·        ރާއްޖޭގެ އާބާދީގެ 1/2 އެއްބައިމީހުން ދިރިއުޅެނީ ސާފު ބޯފެނާއި ނަރުދަމާ ނެތިއެވެ.

·        ރާއްޖޭގެ އާބާދީގެ މަސައްކަތްކުރަންޖެހޭ މީހުންގެ 1/2 އެއްބައިމީހުން ތިބޭ ވަޒީފާނެތިއެވެ.

·        ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 61000 ހާސް ކުޑަކުދިންނަކީ ފަގީރުންނެވެ.

·        ރާއްޖޭގައި އެކަށޭނެ ރަގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއްނެތެވެ.، ދަތުރު ފަތުރަކީ އިގްތިސާދުގެ ލޭނާރެވެ.

·        ރާއްޖޭގައި އެކަށޭނަ ސިއްޙީ ނިޒާމެއް ނެތިގެން ކައިރީގައި އޮތް ޓްރިވެންޑްރަމްއާ ކޮޅުނބަށް ރައްޔިތުން ދާން މިލިއަނުން ޚަރަދު ކުރުއެވެ.

·        ރަށްރަށުގައި ރަށްވެހި ކަމުގެ އުމުރާނީ ތަރައްގީއެއް އެންމެ އަސާސީ ފެންވަރުގައިވެސް ނެތުމުން މަގުފެންގަޑުގައި ބަކަތަޅާފައި މަދިރީގެ ތެރޭގައި ދަރިން ސުކޫލަށް ފޮނުވަންވަނީ ޖެހިފައެވެ. ވަޒީރު ވަޑައިގަންނަވާއިރަށް މަގު ފަސްގަޑު ޖަހާ ފެންހިންދާ ރަށުތެރެ ފޮގް ކުރީމާހުރިހާކަމެއް ފުރިހަމަވީކަމަށް ދެކޭ ކަހަލައެވެ.

·        ސަރަހައްދީ ތަރައްގީއަށް އިސްކަން ނުދިނުމުން ގިނަބަޔަކު މާލެ ހިޖުރަކުރުމުގެ ސަބަބުން އަތޮޅުތައް ވަނީ ވީރާނާވެފައެވެ. އަސާސީ ޚިދުމަތަށްޓަކާ މާލޭގައި ކުދިކުދި ތަންތަން ކުއްޔަށް ހިފައިގެން އުޅެން ވަނީ ރާއްޖެތެރެ މީހާއަށް މަޖުބޫރުވެފައެވެ.

ހައިރާންވާ ކަމަކީ މިކަންކަމަށް އަލި އަޅުވާލައި، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ބިން ނެތުމެއް ނޫންކަމަށާއި ނަމަވެސް ސިޓީ ފެންވަރުގެ އާބަން ޚީދުމަތްތަކެއް މާލެ ފިޔަވާ އެހެން އެއްވެސް ސަރަހައްދުތަކުގައި ދެވިފައި ނެތުން ކަމަށް ކަމުގެ މާހިރުން، ލިއެފައިވާ ލިއުންތައް ފެންނަ މީހަކު ސަރުކާރުގަޔާ މަޖިލީހުގައި ނެތްކަމެވެ!



ރައްޔިތުންނާ އަޅާލާ ގައުމުތަކުން ބްރިޖްފަދަ ކަންކަމަށް ހޭދަކުރަނީ...



މިލިއަން ޑޮލަރު ހޭދަކޮށްގެން ދުނިޔޭގެ ގައުމުތަކުގައި ސަރުކާރުތަކުން ބުރިޖުއަޅަނީ ގައުމުމުއްސަނދިވެ އަސާސީ ޚިދުމަތްތައް ފުރިހަމަވެ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މަގު ރައްޔިތުންނަށް ހޯދައިދިނުމަށްފަހު އެވެ. މިބްރިޖަށް ފައިސާ ދައްކާނީ ރާއްޖެތެރޭ މީހާ ކުރާ ބުރަމަސައްކަތުން ނަގާ ޖިޒީން (ޓެކްސް) އިންނާއި ފަޅުރަށްތައ،ް ބްރިޖްއަޅާ ބަޔަކަށް ދިގުމުއްދަތަކަށް ދީގެން ކަމަށްވާއިރު ރާއްޖެތެރޭ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއިންނާ އަތޮޅުގެ ރަށްތަކުން މާލޭ ބްރިޖަށް ފައިސާ ދައްކަންދެން ބަލަން ހަމަ ތިބޭނީތޯއެވެ؟



ގްރޭޓަރމާލެއަށް މީހުން ތޮއްޖަންސަން ބޭނުންކުރުމުގެ ބަދަލުގައި އެއަތޮޅެއްގެ ރަށްތަކަކީ އެއަތޮޅެއްގެ ތަރައްގީއަށް ބޭނުންކުރާ އެއްޗަކަށް ހެދުމަކީ ރައްޔިތުންގެ  ޒިންމާއެކެވެ. ރަށުން ދައްކާ ޓެކްސްއިން ބައެއް ރަށަށް، އަތޮޅު ވިޔަފާރިތަކުގެ އާމްދަނީޓެކްސް އިން ބައެއް އަތޮޅަށް ހޯދާ އަތޮޅު ތަރައްގީކުރަން ރާއްޖެތެރޭ މީހުންނިކުންނާނީ ކޮންދުވަހަކުންތޯއެވެ؟





300 މިލިއިން ޑޮލަރުން ކުރަންވީ ކޮންކަމެއް؟

މިއި އަޅުގަނޑުމެން އަމިއްލައަށް ބުނާވާހަކަ ތަކެއް ނޫނެވެ. މިއީ ވޭތުވެ ދިޔަ ސަރުކާރުތަކުންވެސް ކުރަން ރާވާ އަދި ވަޒީރުން ފެންވަރުގައި އިއުލާންކޮށް އަދި ބައެއްކަންކަމަކީ ފަށާ ރާއްޖެތެރެއަށް ޚާއްސަ ބަރަވެލި ސްޕީޑްގައި ގެންދާ ކަމަށް ބުނާ ކަންތައްތަކެވެ.

·        ގައުމުގެ އިގްތިސާދަށާއި ގިނަ ރައްޔިތުންގެ ދިރިއުޅުން އުތުރާއި ދެކުނުގައި 2 ނުވަތަ 3 ސިޓީ ތަރައްކޮށް މާލެ އަންނަ ފަދައިން، ޚިދުމަތަށް އެތަންތަނަށް ފަސޭހައިން ދެވޭނެގޮތް ހެދުން. (ލ. ގަން ހުޅުމާލޭ ފެންވަރަށް ތަރައްގީ ކުރުން އިއުލާންކުރި)

·        ދަތުރުފަތުރުގެ ނިޒާމުން ރައްތައް ގުޅާލުން، ކަނޑާ ވައިގެ ދަތުރު ފަތުރު ސަރަހައްދީ ފެންވަރުގައިވެސް ވަރުގަދަ ކުރުން (މިކަމަށް އޭޑީބީގެ އެހީ ލިބި އެހީއަށް ވީގޮތެއް ނޭނގެ!)

·        ހަނިމާދޫ  އިންޓަރނޭޝަނަލް އެއަރޕޯޓް، ގަން އިންޓަރނޭޝަލް އެއަރޕޯޓް ފަތުރުވެރިން އަންނަ ގައުމުތަކުން ބޮޑެތި ފްލައިޓް ޖެއްސޭ ފެންވަރަށް މަތިކޮށް ތަރައްގީކުރުން

·        އުތުރާ ދެކުނުގައި ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލް އަޅާ ޚާއްސަކޮށް ދިވެހި ދަރިން ސިއްހީ ދާއިރާއިން ތަމްރީންކޮށް މިތަންތަން ހިންގުން. (ކުޅުދުއްފުށީ ހޮސްޕިޓަލް ފެންވަރު މަތިކުރަން އިއުލާން ކުރި،  ސ. ހިތަދޫ ހޮސްޕިޓަލް 15އަހަރު ވީއިރުވެސް ފެށިގެން ކުރިއަށް ދާ ނިމުމެއް ނުވާ ޕްރޮޖެކްޓް)

·        މާލެއަށް ކުލި ޖިޒީ ނުދައްކާ މަތީ ތަޢުލީމާއި ފަންނީ ތަމްރީން އުުތުރާއި ދެކުނުގައި ލިބޭނެ ގޮތް ހެދުން (ހދ. ނޮޅަވަރަން ފަރު ޓްރެއިނިން ރިސޯޓް، ލ. ގަމު ޑްރީމް ކެމްޕަސް ފަދަ ފަށަން ރާވާ އިއުލާންކޮށްފައިވާ ޕްރޮޖެކްޓްތައް ރާއްޖެތެރެއަށް ވުމާއެކުގޫގްލް ސްޕީޑްގައި އަދިވެސް ފެށޭގޮތް ނުވެފައި)

މާލޭގައި އޮތް ސަރުކާރަކުން މިކަން ކޮށްދެވޭނެކަމަށް ބަލައިގެން ތިބޭތާ މިގައުމަށް ވީހާ ދުވަހެއް ވެއްޖެއެވެ. ރާއްޖެތެރޭ މީހުން ސަލާންޖަހަން ތިބެން ބޭނުންނުވާނަމަ، މިހާރު އޮތްގޮތަކީރަށާ އަތޮޅުގެ އަސާސީ ކަންކަންކޮށް ތަރައްގީ ކުރެވޭނެ ބާރު ރައްޔިތުން ހޯދުމެވެ. ރައްޔިތުން ބާރުވެރިކުރުވާ އަތޮޅު ތަރައްގީއަށް ހުރަސް ނާޅާނ،ެ ކޮންމެކަކަށް މާލެ އަންނަން ނުޖެހޭނެ ގޮތަށް ސިޔާސަތު ރާވާ ހިންގާނެ، މެމްބަރުންނާ ސަރުކާރެއް ހޯދުމެވެ.



Sunday, July 20, 2014

ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައި





ގޮތެއް ފެނި ހަލާލް މަސައްކަތެއް ކޮށްގެން ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ގިނަވި ވަރަކަށް ރައްޔިތުން ސިޔާސީ މީހުން ބޭނުންހާ ގޮތަކަށް ކޮންޓްރޯލް ކުރަން އުދަނގޫވެއެވެ. ސިޔާސީ މީހާ މަގުން ކައްސާލާ ކަރަޕްޝަނާ ފަސާދައިން ތަތްތެޅި ތެމި ފޯވަމުން ދާއިރު އަނބިދަރިން ބިކަނުވާނެ ކަމުގެ ގެރެންޓީއާއިއެކު ބަސްބުނެ ޖަވާބުދާރީ ކުރުވަން، ފުދުންތެރި ރައްޔިތަކު ފަސްނުޖެހޭނެއެވެ. އަދި ކަމެއް ބޭނުންވުމުން އަބަދު ސިޔާސީމީހުންނާ މަހުޖަނުން  ފަހާ ސަލާންޖަހަން ދާކަށްވެސް ނުޖެހޭނެވެ. މިހެންވުމާއިއެކު ހަލާލު މަސައްކަތަކުން ފުދުންތެރި މިނިވަން ރައްޔިތެއް އުފެދުމުކީ ސިޔާސީ މީހުންނާ މަހުޖަނުންގެ އެންމެ ބޮޑުބިރެވެ. ގައުމުގެ އިގްތިސާދަށާ ރައްޔިތުން ކުރިއެރުމަށް ގެއްލުން ކޮށްފައިވެސް ހަމައެކަނި ސިޔާސީ ވެރިންނާ މަހުޖަނުންނަށް ފައިދާވާގޮތަށް އޮތް އޮތުން ނިމުމަކަށް އައުމީ މިދެންނެވި ބިރުގެ އަސްލެވެ. އިގްތިސާދީ އަޅުވެތިކަމުގެ ސިޔާސަތު ހިންގޭނީ އާދައިގެ މީހުންނަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުން އުދަނގޫކުރުމާ ބަންދުކުރުމާއި މަނާކުރުމާއި ދަތިކުރުމާއި ލަސްކުރުން ފަދަ ފިޔަވަޅުތަކުންނެވެ. މިފުރުސަތުގައި ސަރުކާރުން ރާއްޖެތެރޭގެ  އިގްތިސާދު ކުރިއެރުމާއި ގުޅިފައިވާ ހަތަރު ދާއިރާއަކުން ދަތިކުރުމާ އަޅާނުލުމުގެ އަމަލުތައް ފެންނަމުން ދެއެވެ. އެއީ؛- 


1. މިހާރު ރަށްތަކުގައި ފެށިފައިވާ ހަލާލްޓުއަރިޒަމް އެގޮތުގައި ކުރިއެރުވުމާއި  މުޅި އިންޑަސްޓްރީ ރެގިއުލޭޓްކޮށް އޮމާންކޮށް ހިނގޭނެ ގޮތް ހެދުމުގެ ބަދަލުގައި ސީދާ އާދައިގެ ރައްޔިތުންނާ ވާދަކުރުމަށް ގެސްޓްހައުސް ވިޔަފާރިތެރެއަށް ސަރުކާރު ވަދެ އާންމު ރައްޔިތުންނަށްވުރެ ރިސޯޓްތަކުގެ މަހުޖަނުންނަށް ފަސޭހަކަމާއެކު އެކަމުގެ ތެރޭގައި އުޅެވޭނެ ގޮތް ހެދުން.

2.  ޕްރޮޖެކްޓަކަށް ފައިސާ ހޯދުމަށާއި އިގްތިސާދީ އިތުރު މަސައްކަތްތައް ހިންގަން ރަށު ރައްޔިތުންނަށް ލިބިފައިވާ އެންމެ ވަރުގަދަ އެއްވަސީލަތް ކަމަށްވާ ރައްޔިތުންގެ ބިންތައް ފަސޭހައިން ރައްޔިތުން އިންތިހާބު ކޮށްފައިވާ ކައުންސިލްތައް މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ ބަދަލުގައި ބިން ބޭނުންކުރުމަކީ ސީދާ ރައީސްގެ ހުއްދަ ލިބިގެން ނޫނީ ނުކުރެވޭނެކަމަށް ހެދުން.

3. އުތުރާއި ދެކުނުން ހަނިމާދޫ  އަދި ގަން އެއަރޕޯޓް ރަގަޅަށް އިންޓަރނޭޝަނަލްކޮށް ރާއްޖެތެރެއާ ދުނިޔެއާގުޅާލުމަށް ލަސްކުރުމާ ހަރަކާތްތެރިނުވުން. މިކަންކަން ކުރަން ބޭނުންވާ އިންވެސްޓަރުން އެތިބީ ސަރުކާރުން އިޖާބަދެނިވި ގޮތަކަށް އަމަލުކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

4. ދަތުރު ފަތުރަކީ މަސައްކައްތެރިންނާ އުފެއްދުންތަކާ ޚިދުމަތާ އެއްތަނުން އަނެއްތަނަށް އުފުލާދޭ އިގްތިސާދުގެ ލޭނާރުކަން ދަނެ އެއްރަށާ އަނެއް ރަށާ އަދި އެއް އަތޮޅާ އަނެއް އަތޮޅުގެ ފެރީގެ ނިޒާމް ވަރުގަދަކޮށް މުޅިރާއްޖެ ގުޅާލުމަށް އެކަށީގެންވާ ޚަރަދެއްކޮށް މަސައްކަތް ކުރުމުގެ ބަދަލުގައި 5 މިނިޓް ފެރީން ދެވޭ މާލޭ ހުޅުމާލެއަށް 2 ބިލިއަނާ ގާތްކުރާ ޢަދަދަކަށް ފައިސާޚަރަދުކޮށް ބްރިޖެއް އެޅުމަށް ސަރުކާރުން އެދަނީ ތައްޔާރުވަމުންނެވެ.  ދަތުރު ފަތުރުން މުޅިރާއްޖެ ގުޅިއްޖެނަމަ ހއ. ތުރާކުނުންސ. ގަމާ ހަމަޔަށް އެކަމުގެ ފައިދާވެ އާދައިގެ ރައްޔިތުން ހައްދާ އުފައްދާ ތަކެތި ވިއްކޭނެ ގޮތެއްވެ، މެދުފަންތީގެ ފަތުރު ވެރިކަން ކުރިއަރާ ރައްޔިތުންގެ ޖީބަށް ފައިސާ ވަދެ އިގްތިސާދު އެތައް ތަނެއް ކުރިއަރައިގެން ދާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ.
 
ހަލާލު މަސައްކަތަކުން ފުދުންތެރި މިނިވަން ރައްޔިތެއް އުފެދުމުކީ ސިޔާސީ މީހުންނާ މަހުޖަނުންގެ އެންމެ ބޮޑުބިރެވެ. ގައުމުގެ އިގްތިސާދަށާ ރައްޔިތުން ކުރިއެރުމަށް ގެއްލުން ކޮށްފައިވެސް ހަމައެކަނި ސިޔާސީ ވެރިންނާ މަހުޖަނުންނަށް ފައިދާވާގޮތަށް އޮތް އޮތުން ނިމުމަކަށް އައުމީ މިދެންނެވި ބިރުގެ އަސްލެވެ.

ސަރުކާރުގެ އަމަލުތަކަށް ބަލާއިރު އިގްތިސާދީ ސިޔާސަތަކަށް ހިންގާތަން މިފެންނަނީ އާދައިގެ ރައްޔިތުންނަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުން އުނދަގޫވާނެ ގޮތްތަކެއްގައެވެ. އިގްތިސާދީ ސިޔާސަތުތައް މިހާރު މިތަންފީޒުކުރާ ގޮތުގެ ސަބަބުން ފަގީރުން އަދި މެދުފަންތި އިނދަޖެހި ގައުމުގެ މުއްސަދިކަމުގެ %90ޕަސެންޓް ކޮންޓްރޯލް ކުރާ %10 މަހުޖަނުންނަށް އަދި މުޅިން ނުލިބި އޮތް، %90 ރައްޔިތުންގެ ހިއްސާވާ، އެންމެ %10، މުއްސަދިކަން އެރައްޔިތުންގެ އަތުން ނިގުޅައިގަނެވި މަހުޖަނުންނަށް ވެދުމަށް އެރުވުނީއެވެ. އިގްތިސާދީ އަދި ސިޔާސީ އަޅުވެތިކަން  %100 ފުރިހަމަޔަށް ހިންގޭނީ އަދި އޭރުންނެވެ. އަދި މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެތެރޭގެ ރައްޔިތުންނަށެވެ.  
 

Meedhaa