Showing posts with label Racism. Show all posts
Showing posts with label Racism. Show all posts

Thursday, July 10, 2014

ރާއްޖެތެރޭގެ ތަރައްގީއާމެދު ސަރުކާރުތަކުގެ ވެރިންގެ ޒާތީވުމުގެ ތެރެއިން -އައްޑޫ


މުޙައްމަދު ހުސައިން
(އެޑިޓިން: ރާއްޖެތެރެ ޓީމް)
 
ރާއްޖެތެރެއާ ތަރައްގީއާ ގުޅިފައިވާ ކަންކަމުގައި ސަރުކާރުގެ ވެރިން ޒާތީ ގޮތެއް ގެންގުޅުއްވަނީ ކީއްވެތޯ މިއީ މިހާރު ކުރަންޖެހިފައިވާ ސުވާލެކެވެ. 


 

މިގޮތުން އޭރާ މިހާރު އެންމެ ފާޅުކަން ބޮޑުގޮތެއްގައި އެންމެންގެ ލޯމައްޗަށް ފެންނަމުންދާ ކަންތައްތަކަކީ އައްޑޫ ސިޓީއާ މެދު ސަރުކާރުތަކުން ކުރަމުންދާ އަދި ފުރުސަތު ލިބި ނުކޮށް ދޫކޮށްލާ ކަންކަމެވެ.

http://www.haveeru.com.mv/dhivehi/news/157659


http://www.miadhu.com/2007/07/local-news/hithadhoo-regional-hospital-will-have-100-beds-3012/



އައްޑޫގެ ރައްޔިތުންނަށް ލިބިފައިވީ އެމީހުންގެ ވިޔަފާރިއާއި އިޤްތިޞާދީ ފުދުންތެރިކަން އެ ސިޓީއިން ބޭރުކޮށްލީ ގިނަ ދުވަސްތަކެއް ވަންދެން ހިންގި އެތައް ޖަރީމާއެއްގެ ސަބަބުން އައްޑޫ ސިޓީގައި ޤާއިމްކުރެވިފައި ހުރި ރައްޔިތުންނަށް ފައިދާ ލިބޭ އެތައް އިންވެސްޓްމެންޓްތަކެއް ހަލާކުކޮށްލައިގެންނެވެ.


އައްޑު އަތޮޅު ގަމުގައި އިނގިރޭސީން ބިނާކުރި އިންވެސްޓްމަންޓްތައް އެމީހުން ރާއްޖެ ދޫކޮަށް ދިޔައިރު ކަފުޖަހާފަ ނުގެންދެއެވެ. އެހެނެއްކަމަކު އެ ހުރިހާތަނެއްގެ މިލްކުވެރިކަން ހިބައިން އައްޑު އަތޮޅުގެ ރައްޔިތުންނަށް (ދިވެހި ރައްޔިތުންނަށް) ދޫކޮށްލީއެވެ. އަގަކީ އެހުރިހާ ދުވަހެއްވަންދެން އެ އިސްތިޢުމާރުގެ ދަށުގައި އޮތުމުގެ ސަބަބުން އަދާކުރެވި ނިމިފައިވާ ދަރަންޏެކެވެ. ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުނު އިރު ހުވަފެނުންވެސް އައްޑޫ ރައްޔިތުންނަށް ނުފެންނަ އެތައް ބިނާއަކާއި ޚިދުމަތްތައް އިނގިރޭސީން ވަނީ ފޯރުކޮށް ދީފައެވެ







ފަހުގެ ތާރީޚްގައި ސަރުކާރުގެ އަމާޒަކަށް ވެފައި އޮތީ އައްޑޫ އީކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރއެވެ. ހަަނދާން ބަހައްޓަންޖެހޭ ކަމަކީ އައްޑޫގައި ސާރކް ސަމިޓަށް އެޅުނު އީކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރަކީ އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ތަރިކަ މުދަލެއް ނޫންކަމެވެ. 


އަދި އެމަނިކުފާނު އެތަނުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި ކޯޓަކަށްވެސް ވަޑައެއްނުގަންނަވައެވެ. އެއީ އޭރުވެސް އަދި މިހާރުވެސް ދިވެހި ރައްޔިތުންގެ މިލްކިއްޔާތެކެވެ. ވަކި ބޭފުޅެއްގެ ވެރިކަމުގައި ހެދުނު ތަނަކަށްވާތީވެ އެތަން ވީރާނާކޮށް ބޮލަށް ވައްޓާލާކަށްނުޖެހެއެވެ. މި ޢަމަލަކީ ރައީސް މައުމޫނުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ޤާއިމްކުރެވިފައި ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ނެތިކޮށްލުމުގެ ސިޔާސަތުތަކުގެ ތެރެއިން ކަންކުރެވުނު ގޮތަށް ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫންގެ ވެރިކަމުގައި ޤާއިމްކުރެވުނު އިންވެސްޓްމަންޓްތަކަށް އިހުމާލުވުންފަދަ ކަމެކެވެ.


ވަކި ރައީސަކަށް ވީތީ އަނެކަކު ރައްޔިތުންނަށްޓަކައި ޤާއިމްކުރާ ކަންކަން ނެތިކޮށްލާ އެމީހެއްގެ އަގުވައްޓާލުމުގެ މި ސަޤާފަތާ އަޅުގަޑުމެންގެ ސަރުކާރުތަކުން ދުރުވާން ވެއްޖެއެވެ. މި ދެރަ ދެވެނީ އެ ރައީސަކަށް ނޫނެވެ. އަޅުގަޑުމެން ރައްޔިތުންނަށެވެ .



Monday, June 30, 2014

އައްޑުއަތޮޅު ތަރައްގީއަށް ހުރަސް ނޭޅުމަށް ދިވެހިސަރުކާރަށް ގޮވާލާ ގޮވާލުން!








ނޯޓް: އައްޑޫސިޓީގެ ރައްޔިތަކު ޝާއިއުކޮށްދިނުމަށް އެދި ފޮނުވާފައިވާ ލިއުމެއް


އަހަރެން ހިތަށް އަރައެވެ. ސަރުކާރުން އައްޑުއަތޮޅުގެ ތަރައްގީގެ ކަންތައްތަކުގައި އިހުމާލުވެ، އައްޑުއަތޮޅާއި މެދު ތައައްސުބެއް ގެންގެޅުނީ ކީއްވެބާއެވެ؟ އައްޑުއަތޮޅަކީ ރާއްޖޭގެ ނިސްބަތުން ބިންބޮޑު ތަރައްގީކުރެވެން އޮތް، އެހެންމެ ބޮޑު އާބާދީއެއްވެސް އޮތްތަނެއްމެއެވެ. ގަމުން އިގިރޭސިން ބޭލިއިރު ގަމަކީ ދިރިދިރިއޮތް ގައުމީ ބޮޑު ހަރުމުދާ ގަޑެކެވެ. އެންމެ ޒަމާނީ ސާމާނު ހުރި އެއަރޕޯޓަކާއި ހޮސްޕިޓަލާއި ބަނދަރެއް އޮތް، ފެނާއި ނަރުދަމާ މުވާސަލާތީ ޚިދުމަތް ލިބެން ހުރި، 24 ގަޑިއިރު ކަރަންޓުވެސް ލިބިލިބި އޮތް ރަށެކެވެ. އެމުދާގަނޑު ބޭނުންކޮށްގެން އައްޑުއަތޮޅަށާއި މުޅި ރާއްޖެއަށް ނަފާއާއި މަންފާ ހޯދާދެވެން އޮތްތަނެކެވެ. ނަމަވެސް ސަރުކާރުން ގަމުގައި ހުރި ބައެއް މުދާ މާލެގެނެސް ދެންހުރި މުދާތައް ވީރާނާވެ ހަލާކުވެދާން ދޫކޮށްލީއެވެ. އައްޑުއަތޮޅު ގަމުން އިގިރޭސިން ބޭލުމާއެކު މިއަދާހަމަޔަށް އައްޑުއަތޮޅުގައި އެއްވެސް ސަރުކާރަކުން ދެމެހެއްޓެނިވި އިގްތިސާދީ ކަންތައްތަކެއް ހިންގާފައެއްނުވެއެވެ. މިހެންވުމުން ރަގަޅު ސިއްހީ ފަރުވާއާއި މަތީތައުލީމުވެސް އަތޮޅުން ލިބެންނެތުމާއެކު އަމުދުން ވަޒީފާގެ ފުރުސަތުތައް ނެތުމުން އަތޮޅުގެ ½ މީހުންވަނީ މާލެއަށް ހިޖުރަކޮށްފައެވެ. ނަތީޖާއަކަށްވީ ދިރުއުޅުމަށްޓަކައި ކުލިދައްކަން އުފުލާވޭނާއި، އެކަނިވެރިކަމާއެކު ރިސޯޓުތަކުގައި ވަޒީފާއަދާކުރަންޖެހުމާއި ގާތްތިމާގެ މީހުންނާއި އަނބިދަރިން ދޫކޮށް އުޅެން ޖެހުމުން އައްޑުއަތޮޅުގެ ގިނަޒުވާނުން މަސްތުވާތަކެތީގެ ވަބާގައިޖެހި އާއިލާތައް ރޫޅި އިޖުތިމާއީ އެތައް ބަލިތަކެއް އަތޮޅުގައި ފެތުރުމެވެ.


އިނގިރޭސިން ގަމުން ފޭބުމާއިއެކު އެކިއެކި ތަރައްގީގެ މަޝްރޫއުތައް އައްޑޫގައި ހިންގުމަށް އިންވެސްޓަރުން ދިޔައީ ހުށައަޅަމުންނެވެ.  އަތޮޅުތެރޭގައި ޚާއްސަކޮށް އައްޑޫގައި ކަމެއް ކުރަންވެއްޖެނަމަ އިންވެސްޓަރުން ޖެހެނީ ސަރުކާރު ފަހަތުން ދުވެ، އެތައް ވަގުތެއް ބޭކާރުވާއިރުވެސް ސަރުކާރުން އެއްބާރުލުން ނުދީގެން ފުރައިގެންދާންށެވެ. އައްޑޫގައި ޕްރޮޖެކްޓްތައް ހިންގުމަށް ޝައުގުވެރިވެ އައި އެތައް އިންވެސްޓަރުންނެއް ވަނީ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން އެބުރި ގައުމަށްގޮސްފައެވެ. ނަމަވެސް ހުޅުމާލެ އަދި މާލެ ކައިރީގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންވެސްޓަރުން ފަހަތުން ސަރުކާރުދަނީ ދުވަމުންނެވެ. އައްޑުއަތޮޅުގެ ތަރައްގީއާއި ނުލައި ރާއްޖެ ތަރައްގީއެއްނުވާނެއެވެ. އައްޑުއަތޮޅުގެ ގަމުގެ އެއަރޕޯޓު ބޭނުންކޮށްގެން އައްޑުއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ އިގުތިސާދު ކުރިއަރުވާ އަނބިދަރިން ކައިރީތިބެގެން ވަޒީފާ އަދާކޮށް އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދާދެވެން އެބައޮތެވެ. އަދި ހިޖުރަކުރިމީހުން އަނބުރާ އަމިއްލަވަޒަނުގަ އުފަލުގަ ދިރިއުޅެވެންވެސް އެބައޮތްމެވެ. އައްޑުއަތޮޅު ގަން އެއަރޕޯޓާއި ހުވަދުއަތޮޅާއި ދެމެދުވަނީ 70 މޭލުދުރުމިނެވެ. ތާރީޚުގެ ފަތްފުށްތަކުން އެނގެނީ ސުވާދީބު ސަރުކާރު އުފައްދަން މަގުފަހިވީ އަދި މަޖުބޫރުވީވެސް އޭރު އޮތް މާލޭސަރުކާރުން ދެކުނުގެ އަތޮޅުތަކާއި މެދު ގެންގުޅުނު ކަސިޔާރު ސިޔާސަތާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންކަމެވެ.

އެންމެންނަށްވެސް އެނގޭ އަދި ލިޔެކިޔުންތަކުން ފެންނަންހުރި ބައެއް ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ:-

1. 1979 ވަނައަހަރު ރައިސް މައުމޫނު އައްޑޫ ރައްޔިތުންނާއި މުޚާތަބަކޮށް ދެއްކެވިވާހަކަފުޅު = އައްޑޫ ގަމުގައި ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމަށް އެކިފަރާތްތަކުން ހުށެހެޅުންތައް ހުޅައަޅަމުންދާކަމަށާއި، އެގޮތުން އިގިރޭސިވިލާތުގެ އޮރިއެންޓް އެކްސްޕްރެސް އިން ހުށަހަޅާފައިވާ ހުށައެޅުމަކީ ރަނގަޅު ހުށައެޅުމެއްކަމަށް ވާޅުވިއެވެ. އަދދި އެއީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ މަޝްރޫއުތަކެއްކަމަށާއި އެކަންތައްތަކުން އައްޑުއަށާއި މުޅި ރާއްޖެއަށް ވަރަށްބޮޑަށް ފައިދާކުރާނެކަމަށާއި އެހެންކަމުން އެކަމާމެދު ސަރުކާރުން ވިސްނަމުންދާކަމަށް ވިދާޅުވިއެވެ. މިއަދާހަމަޔަށް މި މަޝްރޫއުގެ ހިލަމެއްނުވޭ.

2. 15 ޖުލައި 2012 ގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ ރައިސްވަހީދުގެ ސަރުކާރުގެ ދޮޅު އަހަރުތެރޭގައި އައްޑުއަތޮޅަށް ފަތުރުވެރިކަން ފުޅާ ކުރައްވާނެކަމަށް. މިވީ ތަނަށް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރެވި، ޔާމީނު ސަރުކާރު ފެށި 6 މަސް ނިމިގެން މިދިޔައީ.

3. އައްޑޫ ގަން އެއަރޕޯޓު ތަރައްގީކޮށް ސީޕްލޭން ހަބަކާއި އެކު ދެކުނުގެ ފަތުރުވެރިކަމުގެ ދޮރާށްޓަކީ ގަން ކަމުގައި ހަދަން ބޭނުންވެ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ހިއްސާ ޗަންޕާ އަފީފު ބައްލަވައިގަތް. އެއަރޕޯޓުގެމަސައްކަތް ކުރިއަށް ދާގޮތާއި އަދި ސްޕީޑާއިމެދު އަފީފުހުންނެވީ ކަންބޮޑުވެފައި.

4. 3 މިލިއަންޑޮލަރުގެ މެރިކަލްޗަރ ވިޔަފާރިއެއް އައްޑޫގައި ހިންގަން އައި ފްރާންސްގެ ބަޔަކަށް، އެމަސައްކަތް ކުރަން އައްޑޫއިން "ކިޅި" އެއް ކައުންސިލްއިން ހަމަޖައްސާ ދީފައިވަނިކޮށް، އިންވެސްޓަރުގެ މަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއިންނާއި ފިޝަރީޒް މިނިސްޓްރީއިންދޭންޖެހޭ ހުއްދައް 6 މަސް ވީއިރުވެސް ނުލިބުމުގެ ސަބަބުން، އިންވެސްޓަރު އައްޑޫއިން ފުރައިގެން ދިޔަ.

5. އައްޑޫ ހިތަދޫގައި އަޅަން ހަމަޖެހި ފައިނޭންސްލިބިފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތްތައް ލަސްކުރުމަށް ނުވަތަ އެކަން ނުކުރުމަށްޓަކައި ސަރުކާރުން ވަނީ ބަހަނާ ތައްޔާރުކޮށްފައި. އަތޮޅު ނުވަތަ ރަށު ކައުންސިލަކީ ރައްޔިތުން އެމީހުންގެ ކަންތައް ގާތުންކުރުމަށް ވޯޓުދީގެން ހޮވާފައިވާ ބައެއް. މިނިސްޓްރީއިން  ހޮސްޕިޓަލް އަޅަންބޭނުންވަނީ އައްޑުއަތޮޅުގެ ލޭންޑް ޔޫސްޕުލޭން ފާސްކޮށް އެޕްލޭނާއި އެއްގޮތަށް ކައުންސިލުން ނިންމި ބިންނޫން ބިމެއްގައި. ސުވާލަކީ އެއްވެސް އިންޓަނޭޝަނަލް ޑޯނަރ އެއް ލޯނު ނުވަތަ އެހީދިން އިރު، ހޮސްޕިޓަލް ވަކިބިމެއްގައި އަޅަން ޝަރުތު ކުރިތޯ؟

6. 2008 ގައި އުފެދުނު މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑުއަތޮޅު ހިތަދޫގައި ޒަމާނީ ކޮންވެންޝަން ސެންޓަރެއް ގާއިމުކުރި. އެހެނަސް އެކޮންވެންޝަން ސެންޓަރާއި އެކު އެސަރަހައްދުގައި ކުރަން ރާވާފައި ހުރި ކަންތައް ނުކުރެވެނީސް އެމްޑީޕީ ސަރުކާރު ނިމިގެންދިޔަ. ސަރުކާރު ބަދަލުވުމާއެކު ކޮންވެންޝަން ސެންޓަރ ޑިފެންސްމިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެ ފަހުން ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ. ކޮންވެންޝަން ސެންޓަރަކީ އިދާރީ ހުރިހާކަމެއް ހިންގުމަށް ބޭނުންވާ ސާމާނުތަކާއި އެކު ހުރިތަނެއް. ނަމަވެސް އެތަނުގައި ހުރި ބައެއް މުދާތައް ވަނީ މާލެ ގެނެސްފައި. ކޮންވެންޝަން ސެންޓަރ ވިރާނާ ވަމުންދާތީ އައްޑޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކޮންވެންޝަން ސެންޓަރ ބެހެއްޓުމަށް ސިޓީ ކައުންސިލް އިން އާދޭސްކުރުމުންވެސް ސަރުކާރުން އެއަޑަށް އިޖާބައެއް ނުދިން. އެމްޑީޕީ ސަރުކާރުން އިމާރާތްކުރިތަނަކަށްވާތީ ނުވަތަ އެކޮންވެންޝަންސެންޓަރ ހުރީ އައްޑުއަތޮޅުގައިކަމަށްވާތީ އެއީ މާލޭގައި ނެތްފަދަތަނަކަށްވާތީ އެތަން ހަލާކުކޮށްލުމަކީނާތަހުޒީބު ފިނޑި ކަމެއް. ކޮންވެންޝަން ސެންޓަރާއިއެކު އެސަރަހައްދު ތަރައްގީކުރުމަށް 2013 ވަނަ އަހަރު ބިޑަށް ލުމުން 7 ފަރާތަކުން ބިޑުހުށަހެޅި. އެކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިއަދާހަމަޔަށް ހާމައެއްނުކުރޭ.


7.  28 މެއި 2014ގައި ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައިވަނީ 2014 ވަނަ އަހަރުގެ ޖޫންމަހު ސަރުކާރުންއައްޑޫ ފަތުރުވެރިކަމުގެ ޕޮލިސީ ހާމަކުރާނެކަމަށް. އެކަމަށް ބޭނުންވި އައްޑޫގެ ކުރެހުންތަކާއި ހުސްބިން އެނގޭ ލިޔުންތަކާއި ޗާޓު 20 މެއި 2014 ވަނަދުވަހު ޓޫރިޒަމް މިނިސްޓްރީއަށް އައްޑޫ ކައުންސިލް އިން ފޮނުއްވި. ޖޫންމަސް ނިމުނުއިރުވެސް އެކަމުގެ ހިލަމެއް ޚަބަރެއްވެސްނުވޭ. އައްޑޫ ކައުންސިލްއިން އައްޑޫ ގެސްޓު ހައުސް ވެންޗަރގެ ނަމުގައި އަމިއްލަ މީހުންގެ ގޯތީގައި މަޝްރޫއެއް ފަށަން ޖެހުނީވެސް މާޒީގައި ސަރުކާރުން އައްޑޫގެ އެކިއެކި ތަރައްގީއަށް ހުރަސް އަޅާފައިވާތީ. ގެސްޓުހައުސް މަޝްރޫއުގެ ދަށުން އަމިއްލަމީހުންގެ ގޯތިތަކުގައި އަޅާ ގެސްޓުހައުސްތައް ހުއްޓުވުމަށް ސަރުކާރަށް ދެއްކޭނެ ހުއްޖަތެއްނޯންނާނެތީ.

8.  އައްޑޫ މަރަދޫގައި މަސްފެކްޓްރީއެއް ހަދަން ޔޫރަޕުގެ ކުންފުންޏަކުން 5 މިލިޔަން ޔޫރޯގެ އިންވެސްޓުމަންޓެއް ކުރިއަށްނުގެންދެވިގެން އުޅެނީ އިކޮނޮމިކް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށް ހަވީރުނޫހުގައި ޝާއިއުކޮށްފައިވޭ. އެފަރާތުން އެކަންތައް ފަހިނުވެގެން މަސައްކަތްކުރާތާ 6 މަސްވެއްޖެކަމަށްވެސް އެލިޔުމުގައިވޭ. އަދި ހަމައެހެންމެ އައްޑޫ ހިތަދޫގައި ކޫއްޑޫއިން މަސްފެކްޓަރީއެއް ހަދަން  ބިންބޭނުންވި ހިނދު، އެފަރާތަށް ބިންދީފަ ވާކަމަށާއި އަދި ބޭންކް   އޮފް މޯލްޑިވްސް އިން  އެމަޝްރޫއު ހިންގުމަށް ކަމަށްބުނެ 6 މިލިއަންޑޮލަރގެ ލޯނެއްވެސް އެފަރާތުން ނެގިކަމަށް ވޭ. ނަމަވެސް މިވީތަނަށް އެއްވެސް މަސައްކަތެއް އެބިމުގައި ކޮށްފައިނުވޭ. އައްޑޫގައި އެ މަސް ފެކްޓްރީ ވީހާ ވެސް އަވަހަކަށް އަޅައި، އެތަނުގެ މަސައްކަތް ފަށައިގަންނަތަން ދެކެން ބޭނުންވާތީ އެ ކުންފުންޏަށް ލުއިކުރުމުގެ ގޮތުން ފުރަތަމަ ދެ އަހަރު ބިމުކުލި ވެސް ނުނަގާ ގޮތަށް ކައުންސިލުން ނިންމާފައި ވާކަމަށްވެސް ވޭ. 

ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުމަށްޓަކައި ބޭނުންވާ ހުއްދަތައް ނެގުމަށް އެދުމުން އެ ހުއްދަތައްނުދީ ހިފެހެއްޓުމާއި އެކިއެކިގަވާއިދު ހަދައިގެން އައްޑުއަށް އަދި ރާއްޖެތެރެއަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު ނޭޅުމަށް ދިވެހި ސަރުކާރަށް ހަރު އަޑުން އަހަރަމެން ގޮވާލަމެވެ. އައްޑުއަތޮޅަކީވެސް ރާއްޖޭގެ ބައެއްކަމާއި އެތާގައި ދިރިއުޅެނީ ދިވެހިންކަންދަނެ އައްޑުއަތޮޅުގެ ރައްޔިތުންގެ ޝުއޫރުތަކާއި ކެކުޅުންތަކުގައި ފައިން ނުޖެހުމަށް ގޮވާލަމެވެ. އައްޑުއަތޮޅު ގަމުން އިނގިރޭސިން ބޭލިދުވަހުން ފެށިގެން، އައްޑޫ ރައްޔިތުން މިތިބީ ތަރައްގީއާއި މެދު އުއްމީދުކޮށްކޮށެވެ. މާލެ ސަރަހައްދުނޫން ސަރަހައްދެއްގައި އަރބަން ސެންޓަރެއް ތަރައްގީ ވިޔަނުދިނުމަށް ސަރުކާރުން ގެންގުޅޭ މަކަރުވެރި ސްޓެޖެޓީތައް ދޫކޮށްލުމަށް ގޮވާލަމެވެ. އައްޑުއަތޮޅަކީ ތަރައްގީކުރެވެން އޮތްތަނަކަށްވާތީ އެއަތޮޅު ވީރާނާވެ އައްޑޫ ރައްޔިތުންގެ ދިރުއުޅުން މާލެ ސަރަހައްދުގައި ކުއްޔަށް އުޅެނިމިދާން އައްޑޫމިޖީލުގެ މީހުން ދޫނުކުރާނެކަން ސަރުކާރަށް ދަންނަވަމެވެ.

Meedhaa