Tuesday, July 8, 2014

ރައްޔިތުންނަށް ހަތަރު އުދަރެސް ފެނުޖެހިފައި


ތިރީގައި އެވަނީ ރާއްޖެތެރެ ޓީމާ ރާއްޖެތެރޭގެ ރައްޔިތެއް ކަމަށްވާ ފާތުން (އަސްލު ނަމެއްނޫން) ހިއްސާކުރި؛ އޭނާގެ ދިރިއުޅުމުގެ ހާލަތެވެ


މާލެއައީ ކީއްކުރަން؟


"އަހަރެން މާލެއަށް އައީ ރަށު ސްކޫލުން އޯލެވެލް ނިމުމުން ދެން އިތުރަށް ރަށުން ކިޔެވެން ނެތުމުން. މާލެއައިސް ހުރީ ބޮޑުދައިތަގެ ފިރިމީހާގެ ދައްތައެއް ކުއްޔަށް ހިފައިން އުޅުނު 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި. އެގޭ އެއްކޮޓަރީގައި އުޅެނީ އެގޭ ދައްތަގެ ދެމަފިރިންނާއި އެމީހުންގެ 2 ކުދިން. އެކޮޓަރި ހުންނާނީ ބޮޑު އަލަމާރިއަކުން ޕާޓިޝަން ޖަހާ، ކުދިން ނިދާތަން ވަކިކޮށްފައި. އެއީ 9 އަހަރުގެ އަންހެން ކުއްޖަކާއި 11 އަހަރުގެ ފިރިހެން ކުއްޖެއް. ދެން އަނެއް ކޮޓަރީގައި އުޅުނީ ގެއަށް މަހަކު 1500ރ ދީގެން ކުއްޔަށް އުޅޭ ކުދިން. ފަހުން 2012 ވަނަ އަހަރުން ފެށިގެން ގެއަށް 2000ރ ދޭން ޖެހޭ. ކޮންމެއަކަސް އަހަރެން ބޭނުންވީ ނަރުހަކަށް ވާން. އެކަމަކު އޭރުވެސް މިހާރުވެސް ރަށު މަދަރުސާއިން ކިޔެވެނީ ހަމަ އެކަނި ކޮމާސް ސްޓްރީމް. އެހެންދޯ ވާނީވެސް، ރަށުގެ އާބާދީ އަކީ 900 ވަރު. ކިޔަވަންދަނީ 200 އާއި ކައިރިކުރާ އަދަދަކަށް. ކިހިނެތް އެވަރުން ދެ ސްޓްރީމްއަށް ކިޔަވައިދޭނީ؟ އޭރުވެސް ޓީޗަރުން ކިޔާ އަތޮޅުގެ މަދު އާބާދީ އޮންނަ ރަށްތަށް ބޮޑު ރަށަކަށްގޮސް، އާބާދީ އެއްފަސްވެއްޖެއްޔާ ސްކޫލްގެ ފެންވަރު ރަނގަޅު ކުރަން ބޮޑު ބާރަކަށް ވާނެއޭ. އެކަމަކު އެއްވެސް ބަޔަކު (ރައްޔިތުންވެސް، ސަރުކާރުންވެސް) އެކަން މާބޮޑުކަމަކަށް ނުހަދާ."



އާބާދީ އެއްފަސް ނުކުރީ އަދި އަތޮޅުގެ ބޮޑުރަށެއްގައި ޚިދުމަތް ގާއިމް ނުކުރީ ގަސްތުގައި ޑިވައިޑް އެންޑް ރޫލް ޕޮލިސީގެ ދަށުން!


"މިހާރު އަހަރެންނަށް ވިސްނެނީ އެގޮތަށް އާބާދީ އެއްފަސް ކުރުމަށް އެހާ މީހުން ހިތްވަރުދީ މީހުން މައިގެރޭޓްކުރާނެފަދަ ގޮތަކަށް ބޮޑު ރަށެއްގައި ހިދުމަތްތައް ގާއިމުނުކުރީ، ގަސްތުގައި މީހުން ވަކިވަކި ކުދި އާބާދީތަކުގައި ތިބުމުން އެއްކަލަ "ޑިވައިޑް އެންޑް ރޫލް" ޕޮލިސީ އަށް މަގުފަހިވާތީއޭ. ދެން ކަމެއްދަތިވެގެން ބުނެލާއިރަށް މިބުނަނީ މީހުންކޮޅުމަދުވީމާ ކަންކަންކޮށްދޭން ދައްޗޭ.  އެކަމަކު މީހުންކޮޅު އެއްފަސްކުރާކަށް އެހެނެކޭ ކިޔާފަ ނުކުރޭ އެއްކަމެއްވެސް. ބޮޑުރަށެއްގައި ކައިރީގައި ޚިދުމަތް ގާއިމްކުރެވިއްޖެނަމަ ކައިރި ރަށްރަށުން މާލެއައިސް ބޭނުންކަމެއް ކޮށްގެން ދާ ފަދައިން އަހަރެމެންނަށްވެސް ވާނެ. ޖެހިގެން އޮންނަ ރަށުން ބިންދީފައި ކަލޭމެން އެރަށަށްދާށޭ ބުންޏަސް މީހުނެއް ނުދާނެ\؟ މިއުޅެނީ ބިން ނުލިބިގެނެއް ނޫންވިއްޔާ.  އެހެންވީމާ ބޭނުންވާ ކެރިއަރ އެއް ޗޫސްކުރުމުގެ ހައްގެއްވެސް އަސްލު އަހަރެމެނަކަށް ނެތް. ކިޔަވަން މަޖުބޫރުވެފަ މިއޮންނަނީ ކޮމާސް ސްޓްރީމް".



ވިޔަފާރީގެގޮތުގައި ހިންގިއަސް ސަރުކާރުން ރެގިއުލޭޓްކުރަން ނުޖެހޭ ހަމައެކަނި ޚިދުމަތް: ކުއްޔައް ދޭ ތަންތަން!


"އަހަރެން ބެލީ ރަށު ވަޒީފާއަކަށްދެވޭނީ ކޮންކަހަލަކޯހެއް ހެދީމާތޯ. އަހަރެންނަށް ވިސްނުނީ ޓީޗިން ހަދަން. އެއީ ރަށުގައި އަދާކުރެވޭނީ، މަރުކަޒު ނަރުސްކަން، ސްކޫލް ޓީޗަރުކަން، ދެން ކޯޓުގަ އޮވޭ ދެތިން ވަޒީފާ. މިހާރުވެއްޖެއްޔާ ނަރުހުންވެސް އެބަތިބި. ރަށުކުދިން ނަރުސްކަން ކިޔަވައިން މިހާރު ތިބެނީ މާލޭ ހޮސްޕިޓަލުގައި. ރަށު މަރުކަޒަށް ބޭނުންވަނީ ދެތިން ނަރުހުން. އަހަރެން ޓީޗިން ހަދަން އުޅުނުގޭ މިބުނާ ކޮޓަރީގައި އުޅޭ އެކި ރަށްރަށު 7 މީހުން. ދެ ބަންކުބެޑުގަ 4 ފިރިހެނުން، ބިންމަތީ 3 އަންހެންކުދިން. ނިދާފައި އޮންނަ އިރު ދެންތިބޭ މީހުން ޖެހެނީ އަހަރެމެންގެ ބޯމަތިން ހިނގަން. ވަރަށް ވަރަށް ދަތި. އެންމެން ނިދަން އޮށޯތުމަށްފަހު ދެން ފާހާނާ ދޮރެއް ނުހުޅުވޭނެ. އެތާ އޮންނަ މީހާ އަށްގޮވާ އޭނަ ތެދުވީމަ ފާހާނާ ދޮރުހުޅުވޭނީ. ކިހާދަތިވާނެދޯ؟ ނަމާދުކޮށްނުލެވޭ، އެންމެންގެ ފޮށިތަކާއި ދަބަސްތައް ފުންޏަކަށް، އެނދު ކޮޅުގައާއި އެދު ދަށުގައި. ހެދުން އަޅުވާ ހަރުގަނޑުމަތީ ހެދުމައި ތެތް ތުވާލި އަޅުވަން ޖެހެނީ. ކޮޓަރިއަށް ސާފުވައެއް ނުވަދޭ. އެހާ ވެންޓިލޭޝަން ޕުއަރ. އަހަރެން ބަލަނީ އެ ހާސްކަމުގެ ތެރޭ އުޅެން ގެއަށް ނުވަދެވޭތޯ. ނިދާފައި އޮންނަ އިރު ފިރިހެން ކުއްޖަކު އެދަށް އަރަމުން ނުވަތަ ފައިބަމުން ނޭނގޭ ކަމަށް ހަދާފައި ގައިމައްޗަށް ވެއްޓިގަނެފާނެ. ނުވަތަ އޮޅިގެން ކަމަށްހަދާފައި ގައިގަ ފައިން ޖެހިގަންނާނެ. ދެން ނުކެރޭ އެއްޗެކޭ ބުނާކަށް. ކީއް ވަކި ކުރާނީ.  އެކުވެރިކޮށް އެންމެން އުޅެނީ. އަހަރެން ކިޔަވަން ދަނީ ނޭޝަނަލް ލައިބްރަރީއަށް. އޭރު ލައިބްރަރީ ހުންނާނީ މިހާރުގެ ސިޓީ ކައުންސިލް އިންތަނުގައި. އެހާލުގަ އުޅެފަ، ޓީޗިން ކޯސް ނިމުމުން އައީރަށަށް."


ރަށަށް އައިސް 3 މަހުން އެންމަހު މައިބަފައިން ޑޮކްޓަރަށް ދައްކަން މާލެއަށް!


"އަހަރެން ކޯސް ނިންމާފައި ރަށަށް އައިއިރު ކުޑަ ފރިހެން ކޮއްކޮ ހުރީ އޯލެވެލް ނިމި މާލެ ދާން ރެޑީވެގެން. ދެން ސްކޫލު ވަޒީފާއަށް ވަދެ ލިބޭ މުސާރައިން ކޮއްކޮއަށް ގޭ ކުއްޔާއިއެކު ޕޮކެޓްމަނީއަށް 3000ރ މަ ފޮނުވަން. އަހަރެން ކިޔެވިއިރު ކުލިދައްކާ ޕޮކެޓްމަނީ ދިނީ ރިޒޯޓުގަ ހުރި ބޭބެ. އަހަރެން ނިމުމުން ބޭބެ ބުނެފައޮތީ ކޮއްކޮގެ ކިޔެވުމުގެ ހަރަދު ބަލަހައްޓަން ޖެހޭނީ އަހަރެން ކަމަށް. ބޭބެގެވެސް ދެދަރިންނާއި އަތްބަކު ހުރޭ. ކިހިނެތް މަންމަމެނާއި، އެންމެންގެ ހަރަދު އެކަނި ބަލަހައްޓާނީ. އޭރު އަހަންނާއި އެކީ ކިޔެވި އެންމެން މާލެ ބަދަލުވިގޮތަށް މާލޭގައި ދިރިއުޅެން ފެށީ. އަހަންނަކަށް ވާވަރުގެ ކަމެއް ނޫން މާލޭގައި އުޅުމަކީ. އެކަމަކު މިރަށުގައި އުޅެންވެސް ވަރަށް ދަތި. 24 ގަޑިއިރު ކަރަންޓު ހުރޭ. އެކަމަކު މާބޮޑަށް ޔުސޭޖް މަތިވީމާ ކަރަންޓު ވަރަށް ދަށްވޭ. ފަންކާ އެނބުރޭނީ ވަރަށް މަޑުން. އަނެއްކޮޅުން މަންމަ ވެސް ބައްޕަވެސް ވަރަށް ބަލި. ބައްޕަ ޖެހޭ 3 މަހުން 1 މަހު މާލެ ގެންދަން . ޑޮކްޓަރަށް ދައްކަން. އަހަރެން އެކަނި ރަށުގަ މިހުރީ މަންމަ އާއި ބައްޕަ ކައިރީ . ބޭބެ ރިޒޯޓުގަ. ކޮއްކޮ ހުންނަނީ އެއްކަލަ ގޭގަ ކިޔަވަން."







މާލެ ފޮނުވި ފިރިހެން ކޮއްކޮ މަގު އޮޅިދާނެތީ ބިރުގަނޭ އެކަމަކު ތައުލީމު ހޯދަން އެނޫންގޮތެއް ނެތް!


"އަހަރެން ވަރަށް ބިރުގަނޭ ކޮއްކޮ މަގުމަތީ އުޅެން ފަށާފާނެތީވެ. އެއީ ފިރިހެންކުއްޖެއްވީމަ އެމީހުން އަހަރެމެން ގޮތަކަށް ނުތިބޭނެ. އަމުދުން އެކޮޓަރި ގަނޑުތެރޭ އުޅެންވީމާ ކޮންމެ މީހަކުނަމަވެސް ބޭނުންވާނެ މަގުމަތީ އުޅެން. ނިދަން ވީމަ ގެއަށް ވަންނާނީ. އެކަމަކު ވިސްނަބަލަ، މަހަކު  އަހަރެން މިފޮނުވާ 3000ރ ބޭކާރު ދޯވާނީ އޭނަ އޭ.ލެވެލް އިން ފެއިލްވެ، ނުވިތާކަށް ވިޔާނުދާކަންތައްތަކުތެރެއަށް ވަދެއްޖެއްޔާ؟؟؟ އަހަރެން ވަރަށް ފިކުރުބޮޑުވޭ އެކަމާ.  އެކަމަކު ދެން ނެތެއްނު އެނޫން ގޮތެއް! ރަށުގަ ކޮއްކޮ ބަހައްޓައިގެން ކީއް ވަކިކުރާނީ؟ ވަޒީފާއެއް ނެތް، ކިޔެވޭކަށްނެތް. ހަމަ މަގުމަތީ އުޅެން ފަށާނީ. '



މީހަކާ އިންނަން ބޭނުން ނަމަވެސް....!


"މިހާރު އަހަރެން މީހަކާ އިންނަން ވިސްނާއިރު، އަހަރެން އިންނަން އުޅޭމީހާ އުޅެނީ މާލެކައިރީ ރިޒޯޓެއްގަ. އޭނަ ބޭނުންވަނީ ކޮޓަރިއެއް ހިފާފައި އަހަރެން މާލޭގައި ބަހައްޓަން. އެކަމަކު މަންމައާއި ބައްޕަ އެހާ ބަލި އިރު ކިހިނެތް އަހަރެން ދާނީ؟  މާލޭ ސްކޫލަކަށް ބަދަލުވޭތޯ މަސައްކަތް ކުރެވިދާނެ. އެކަމަކު މަންމަމެން ބަލިވިޔަސް އަހަރެން ހުރިމީހަކީ. ދެން ނޭނގެ... ވަރަށް އުނދަގޫ ސިޓުއއޭޝަންއެއްގަ މިއިނީ."


ހިނިތުންވުމުން މަހުރޫމް ވެފައިވާ މާލެ!


"އަހަރެންނަށް އެނގޭ މީހުން މާލޭގައި އުޅޭ ހާލު. މާލޭ މަގުމަތިން ހިނގާފައި ދާއިރުވެސް އެންމެންގެ މޫނުމަތިންވެސް ފެންނާނީ ހާސްކަން. މަރުވެފައި ތިބޭބައެއްހެން. ސައިކަލުތަކާއި ކާރުތަކުގެ މެދުން ހިނގަމުން، ނުވަތަ ފުރިބާރުވެފައި އޮންނަ ޕޭމަންޓް މަތިން ޖެހިފިތެމުން ހިނގާލެވޭނީވެސް. މޫނުމަތިން އުފާވެރިކަމެއް ފެންނަ މީހެއް މަދުވާނެ. ކޮންމެސް ބޮޑު ހައިޖާނު ގަނޑެއްގަ އުޅެން ޖެހެނީ. ވަރަށް ފަހުން އަހަރެން ރައްޓެއްސެއް (މާލޭގައި އުޅޭ މީހެއް) ބުނީ މިއުޅޭނީ މާސްޓާރސް ހަދަން ޕްރައިވެޓް ކޮލެޖަކަށް ވަންނަންށޭ. އެކަމަކު ވާގޮތަކީ، ކްލާސްތައް އޮންނަނީ 5 ކުން 9 އަކަށް. އޭނަގެ އަންހެނުން އުޅެނީ ޕްރައިވެޓް އޮފީހެއްގަ. އޭނަ ނިމެނީ 5 ޖަހާއިރު. ދެމީހުންގެ ދަރިއެއް ހުރޭ. ދެން އޭނަ ބުނަނީ 4 ގަ އޮފީސް ނިމިގެން ދަރި ދައްތައެއްގެ ގޭގަ ބަހައްޓާފައި ކޮލެޖަށް ދާނީއޭ. ދެން އަންހެނުން 5 ގަ އޮފީސް ނިމިގެން އެގެއަށްގޮސް ދަރިގޮވައިން ދާނީއޭ ގެއަށް. ދެން އަހަރެން ބުނިން ތިހާ ހާލުން ކީއްކުރަންހޭ މާސްޓަރސް ހަދަނީ. ކޮލެޖު ފީ އެހާ އަގު ބޮޑު. ލޯނެއް ނަގައިގެން ކިޔަވަން އެ ވިސްނަނީ. އަނެއްކާ އެދިރިއުޅުމުގައި އެދެމަފިރިން ދިމާވާނީ ހޭލާއިރާއި ނިދާ އިރު! ކޮބާ ފެމިލީ ޓައިމް؟ ދަރިފުޅުގެ ޓައިމް؟ ލިބޭހާ ލާރިން ކުލިދައްކާ ބިލްތައް ދައްކާ، ލިބޭހާ ވަގުތު އޮފީހުގައި މަސައްކަތް ކޮށް، ބާކީ ގަޑިތަކުގައި ކިޔަވަނީ ކީއްކުރަން؟ އެހެން އަހާލީމާ އޭނާ ބުނީ އެއީ "ހަމަ ކުލިދައްކަން" ކަމަށް... އަހަރެން މިދަނީ މަގޭ ލައިފްގަ ދެން ހަދަންވީގޮތަކާއި ދޭތެރޭ ވިސްނަމުން". 



މިއީ ބިރުވެރިކަމެއް!


25 އަހަރުގެ އެ ޒުވާނާ ވާހަކަ ނިންމާލިއެވެ. ތެދެކެވެ. ރާއްޖެތެރޭމީހުން ނިދިން ހޭލަނީ ކުލިދައްކަން. ވަޒީފާއަށްދަނީ ކުލިދައްކަން. ކިޔަވަނީ ކުލިދައްކަން. ދިރިހުންނަނީ ކުލިދައްކަން. ނިދަނީ ކުލިދައްކާފައި ލާރިއެއް ބާކީވާނެ ގޮތެއް ހޯދުމުގެ ވިސްނުމުގައި އޮވެއެވެ..... ރާއްޖެތެރޭމީހަކަށްވީމާ، ހިތްހަމަޖެހިގެން މިނިވަންކަމާއި އެކީ ދިރިހުރުމާއި ދިރިއުޅުމުގެ މިނިވަންކަމެއް ނެތެވެ. އެ މިނިވަންކަން އޮތީ މަދު ބަޔަކަށެވެ. ރާއްޖެތެރޭ އުޅުނަސް، މާލޭ އުޅުނަސް މިފަދަ ދަތިހާލު ތަހައްމަލު ކުރަން ނުޖެހޭ ރައްޔިތަކު މި ރާއްޖޭގައި މަދުވާނެއެވެ. 


މުޅިއުމުރަށް ކުލީގެ އަޅުންނަށް ވުން!


މިގައުމަކީ ފަގީރުގައުމެއް ނޫނެވެ. ބިންބޮޑު، އާބާދީބޮޑު ހިސާބުތައް ތަރައްގީނުކޮށް، އެތަންތަނުގެ ވަޒަންވެރީންނަށް ރަށްދޫކޮށް މާލެ ހިޖުރަކުރުމަށް މަޖުބޫރުކޮށް، އެތަންތަން ވީރާނާވެ ފަޅުވާކަމީ ހިތާމަހުރި ކަމެކެވެ.  ރާއްޖެތެރެ ތަރައްގީކުރުމުގެ ފީސިބިލިޓީ އާއި އިކޮނޮމީސް އޮފް ސްކޭލް ގަސްތުގައި ރާވައިގެން ނެތްކަމަށް "ދެއްކުމަށްފަހު"، މިއަދު ބުނަމުން އެދަނީ ހުރިހާ ޕްރޮޖެކްޓެއް ފީސިބަލް އީ މާލޭގައި ކަމަށެވެ. ނަތީޖާއަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އެންމެން މާލެސަރަހައްދުގައި ބޮޑު ކުލީގެ އަޅުންނަށް ވެގެން އުޅެން ޖެހުމެވެ.

No comments:

Post a Comment

Meedhaa