ދިވެހިރާއްޖެއަކީ ވަރަށް މުއްސަނދި
ގައުމެކެވެ. ދުނިޔޭގެ 1 ވަނަ ފަތުރުވެރިކަމުގެ މަންޒިލެވެ. ދުނިޔެމަތީގެ
ސުވަރުގެއެވެ. މަހުޖަނުންނާ ސްޓާރުން ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ގަޔާވާ ތަނެވެ.
ރާއްޖޭގައި ކޮންމެ 340 މީހަކަށް ފަޅުރަށެއް އެބައޮތެވެ. ރާއްޖެ ހޯދާފައިވާ
ކުރިއެރުން ތަކުގެ ތެރޭގައި ފަގީރު ގައުމުތަކުގެ ލިސްޓުން
އުނިވެ މެދުމިންވަރަކަށް އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓަށް އެރުން ހިމެނެއެވެ.
ރާއްޖެ ފަދަ މެދުނިމުގެ އާމްދަނީ ލިބޭ އަދި
ކޮންމެ 340 މީހަކަށް ފަޅުރަށެއް އޮތް ގައުމެއް ވާނީ ރައްޔިތުންގެވެސް ދުނިޔެމަތީގެ
ސުވަރުގެއަށް ތާއެވެ. އެކަމަކު ކަން އޮތީ އެހެނެއް ނޫނެވެ. އެކި ރިޕޯޓްތަކުންނާ
އަދި ނެރެފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު
1. ރާއްޖޭގައި 61000 ހާސް ފަގީރުކުޑަކުދިން އެބަތިއްބެވެ.
2. މާލެފިޔަވާ އަނެއް 187 ރަށުގައި ބޮނީ އަދި ތާހިރުވަނީ
ނަޖިސްފެނުންނެވެ.
3. 17-25 އަހަރުގެ ކުދިންގެތެރެއިން މަތީ
ތައުލީމްގައި އުޅެނީ އެންމެ 6 ޕަސެންޓް ކުދިންނެވެ. އެއީ ދުނިޔޭގެ އެންމެ ފަގީރުބައްރު އެފްރިކާ ފެންވަރެވެ.
4. ރައްޔިތުންގެ ކެއުމާ ސިއްހަތުގެވާހަކަ ދެއްކުމަށްވުރެ
ރަގަޅުވާނީ ނުދެއްކިއްޔާއެވެ.
ގައުމު ފަގީރު ގައުމުތަކުން ގްރެޖުއޭޓްވެ މެދުމިނުގެ
އާމްދަނީއެއް ލިބޭ ގައުމަކަށް ވީހިނދު ރައްޔިތުންގެ އަސާސީކަންކަން އެންމެފަގީރު ގައުމުތަކާ
އެންމިންވަރެއްގައި ހުރީކީއްވެތޯއެވެ؟ މިއަރަތުގެ ޖަވާބެއްގެ ގޮތުގައި 3 ކަމެއް
ފާހަގަކުރެވެއެވެ. އެއީ
ދިވެހިރާއްޖޭގެ މުއްސަދިކަން ރައްޔިތުންގެ ފައިދާއަށް ސީދާ ރައްޔިތުން ބޭނުންކުރުމަށް ދައުލަތުން އިންކާރުކުރުން
ދިވެހިރާއްޖޭގެ މުއްސަދިކަން ރައްޔިތުން
ސީދާ ބޭނުންކުރުމަށް ދެއްވުމަށް ދައުލަތުން
އިންކާރުކުރެއެވެ. ލާމަރުކަޒީ ޤާނޫނަށް ކައުންސިލްތަކުން ވިޔަފާރިކޮށް އާމްދަނީ
ހޯދުއި މާލީ ގޮތުން ލާމަރުކަޒީ ކުރުމަށް ލެވުނު މާއްދާވަނީ ހުރިހާ ސިޔާސީ
ފަރާތްތަކުން އެއްބައިވެ އުނިކޮށްފައެވެ. އަދި އެކިއެކި ވިޔަފާރިތަކަށް އިގްތިސާދީ
މަސައްކަތް ކުރުމަށް ފަޅުރަށްތައް ބަހަމުން ދާއިރު ރައްޔިތުންނަށް އެފަދަ
މަސައްކަތެއް ކުރަން ފަޅުރަށާ ބިން ދިނުމަށް ދައުލަތް ވަނީ ނުކުޅެދިފައެވެ.
މިކަމުގެ އެއްމިސާލަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގުމަށް މަސައްކަތް ކުރާ
އައްޑޫ ގެސްޓްހައުސް ވެންޗަރއަށް ބޭނުންކުރުމަށް އެރަށުގައި ހުރި އެކަމަށް އެންމެ
އެކަށީގެންވާ ބިންތައް (ބީޗުން) ދޫކުރުމަށް ސަރުކާރުން އިޖާބަ ނުދިނުމެވެ. އަދި ގާނޫނީ ގޮތުންވެސް މިކަން ހުއްދަކުރަން
މަޖިލީހުންވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެންމެފަހުން ދައުލަތުގެބިންތައް އެއްވެސްކަމަކަށް ބޭނުންކުރެވޭނީ ސިދާ ރައީސުލް ޖުމްހޫރިއްޔާގެ ހުއްދައާއެކުކަމަށް އެއޮތީ ނިންމާފައެވެ. ނަތީޖާއަކީ އިގްތިސާދީ ގޮތުން ރައްޔިތުންގެ
އަތްބަނދެވި ސަލާންޖެހަން ޖެހުމެވެ.
ލާމަރުކަޒީ ޤާނޫނުން އުނިކުރި މާއްދާ
ވިޔަފާރިވެރިއާގެ އާމްދަނީ 100 މިލިއަން
ޑޮލަރު ލިބުނަސް ޓެކްސް ދައްކާކަށް ނުޖެހޭ!
ރައްޔިތުންގެ މުއްސަނދިކަން (ފަޅު ރަށާ
ބިންތަން) ބޭނުންކޮށްގެން އެކި އެކި ވިޔަފާރިކޮށް ނަފާ ހޯދާ ފަރާތްތަކުން
އެމުއްސަނދިކަމުގެ އެކަށީގެންވާ މިންވަރެއް ރައްޔިތުންނާ ހިއްސާކުރާކަށް
ނުޖެހެއެވެ. ގިނަ އާންމުރައްޔިތުން ދިރިއުޅުމަށް ދައްކާ މާލޭގެ ކުލި އަހަރަކު
އެއްފަހަރު މާރކެޓް ރޭޓްގައި މަތި ކުރެވޭގޮތަށް ރައްޔިތުންގެ ރަށްތަކާ ބިންތަކުން
ލިބެންވާ އާމްދަނީ މަރކެޓް ރޭޓަކަށް ދައުލަތަކަށް ނުޖެއްސެއެވެ. އޭގެ ބަދަލުގައި
އެޚިދުމަތް ހޯދާ ރައްޔިތުންނާ ޓުއަރުރިސްޓް މީހާއަތުން ޓެކްސްއެއް ނަގާ ސަރުކާރާށް
ފޯރުކޮށްދެއެވެ. މިމުއްސަނދިކަން ބޭނުންކޮށްގެން ވިޔަފާރިވެރިޔާގެ އާމްދަނީއަށް
100 މިލިއަން ޑޮލަރު އަހަރަކު ވަނަސް އެއިން އެއްވެސް އެއްޗެއް ގައުމާ
ހިއްސާކުރާކަށް ނުޖެހެއެވެ. އެއީ މިގައުމަކީ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ
އަތުން ޓެކްސް ނަގާ ގައުމަކަށް ނުވާތީއެވެ. ނަތީޖާއަކީ ގައުމުގެ މުއްސަދިކަމާ
އާމްދަނީ %80 އެންމެ 10 އިންސައްތަ މީހުންގެ އަތަށް ޖަމާވުމެވެ.
ރައްޔިތުން ފޭހުނު އިލޮށިގަނޑު ރައްޔިތުންގެ ލޮލަށް!؟
ގައުމަކީ
ވަރަށް މުއްސަނދި އަދި އާމްދަނީ ލިބޭނެ ގައުމެއް ވިއަސް މިގައުމުން ލިބޭ ފައިދާ
ދަނީ ގިނަ ރައްޔިތުންނަކަށް ނޫނެވެ. އަދި ގާނުނުތައް ހެދެނީވެސް ސަރުކާރު
ހިންގެނީވެސް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫންކަން ރައްޔިތުންގެ
ދިރިއުޅުމުގެ ހާލަތުން މިދަނީ ފެންނަމުންނެވެ. މިކަމުގެ ޒިންމާ ރައްޔިތުންވެސް
ނަގަން ޖެހެއެވެ. އެއީ ގައުމުގެ ކަންކަން ބަދަލުވާނީ އެގައުމުގެ އެކި ކަންކަމަށް
އިސްކުރާ ވެރިން ނިންމާ ތަންފީޒުކުރާ ނިންމުންތަކެއްގެ މައްޗަށްކަމަށް ވުމާއިއެކު
އިންތިހާބުތަކުގައި ވޯޓު ލުމުގައި އެއްވެސް ވަރަކަށް ތިމާ މިއުޅޭ ހާލަތާ އެހާލަތު
ބަދަލުކުރުމަށް އައްޔަންކުރާނެ ބަޔަކާ ދޭތެރޭ ފުންކޮށް ވިސްނާލެއްވިތޯއެވެ. ނޫނީ
ޝާއިރު ވިދާޅުވާގޮތަށް ވީތޯއެވެ؟
ވިސްނުމެއްނެތި
ކޮންފިކަމަކުން އެންމެ ފަހަރަކު ދޭހުގާ
ގިސްލަމުން
ހިތި ކަރުނަ އޮއްސަން ޖެހިދެއޭ އުމުރަށް މުޅިން.
ގައުމުގެ
ކަންކަމުގައި ތިމާގެ ބަސް އިންވަން އޮންނަ ހުރިހާ ފުރުސަތެއް ދޫކޮށްލާ ތިމާއަށް
ލިބިފައިވާ 1 ވޯޓުގެ ބާރު ބިޑަށް ލާ ވިއްކާލީމާ ދެން ގައުމުގެ ކަންކަން ހުރިހާ
ދިމާއަކުންވެސް މިދާ ގޮތުން ތިމާއަށް ބަހެއް ބުނެ ނުރުހުން ފާޅުކުރުމުގެ އެއްވެސް
ހައިސިއްޔަތެއް ނެތެވެ.
ތިމާގެ ޖީބާ މަސްލަހަތައްވުރެ ރައްޔިތުންގެ މަސްލަހަަތު އިސްކުރާނެ ސިޔާސީ ފަރާތްތަކެއް ހޯދުން
އަމިއްލަ
ފައިމައްޗަށް ތެދުވަން ބޭނުންނަމަ އަދި ތިމާގެ މުސްތަގްބަލް ތިމާ ބޭނުންވާ ގޮތަށް
ބައްޓަން ކުރަން ބޭނުންނަމަ ކިތަންމެ ދައްޗަސް އެމީހެއްގެ މަސްލަހަތާ ޖީބަށްވުރެ
ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުކޮށް ދިނުމާ ރައްޔިތުންނަށް އަބުރުވެރި
ދިރިއުޅުމެއް ސީދާ އެމީހާ ކިބައިންވެސް ސަލާންނުޖަހާ ހޯދައިދޭނެ ފަރާތްތަކެއް
ރާއްޖޭގެ ކަންކަން ހިންގުމުގެ މައްޗަށް ގާނޫނު ކަނޑައެޅުމުގެ މައްޗަށް ރަށް
ހިންގުމުގެ މައްޗަށް ރައްޔިތުން ވެރިކުރުވަން ޖެހެއެވެ.
No comments:
Post a Comment