Monday, July 7, 2014

ރައްޔިތެއްގެ ތަޖްރިބާ: ބޮޑެތި ރަށްރަށުން ދަރިން ކިއަވަން މާލެ ފޮނުވަން ޖެހޭތޯ



ތިރީގައި އެވަނީ ރާއްޖެތެރެ ޓީމާ ރާއްޖެތެރޭގެ ރައްޔިތެއް ކަމަށްވާ އިބްރާހިމް މޫސާ (އަސްލު ނަމެއްނޫން) ހިއްސާކުރި؛ އޭނާ ތައުލީމު ހޯދުމަށްޓަކައި މާލެ ފޮނުވުމުން އުޅެން ޖެހުނު ގޮތުގެ ހާލަތުގެ ވާހަކައެވެ.



ތިހިރީ މާލެދެވިފައި ދެން ކިއަވާ!



"އަހަރެން ނިދަން ޖެހެނީ ބަދިގޭ ބޮޑު މޭޒު ދަށުގައި ކުނަލެއް އަޅައިގެން. އެހެން ކުއްޖަކު އޮވޭ މޭޒު މަތީގަ. އަހަރެމެން އެކަކުވެސް ނުވޭފާހެއް. މަންމަމެނަށް ބުނަނީ ކޮންމެ ކޮންމެ މީހަކަށް މާލެ ގޮސް ކިޔެވުމުގެ ފުރުސަތެއް ނުލިބޭނެއޭ. ތިހިރީ މާލެ ދެވިފައޭ. ދެން ކިޔަވާށޭ. ކިހިނެތް ކިޔަވާނީ؟ ސްކޫލުން ނިމޭގޮތަށް ވަންނަންޖެހެނީ އެގޭ ފިހާރަ އަށް ސޭޓުކަން ކުރަން. މާރުކޭޓަށް ދަން. ކުދިން ސްކޫލަށް ބަލާ ދަން. ބައެއް ފަހަރުޖެހޭ ގޭ އެންމެނަށް ވާވަރަށް ފެންބަލާ ދާންވެސް. އެވަރުން އުޅެގެންވެސް ކިޔަވާނެ މާހައުލެއް ލިބުނުނަމަތާ."


18 އަހަރު ނުވާ ކުއްޖަކު މާލެ ފޮނުވައިގެން މައިންބަފައިންނާ ދުރުގައި ބައިތިއްބައިގެން ބޭނުންވާ ނަތީޖާ ހާސިލް ވޭތޯއެވެ؟ 



"އެއްފަހަރަކު، އެގޭ ދޮށީ ދަރީގެ ކައިވެނި ޕާޓީ އަށް ކައްކަން މަންމަ ފޮނުވި ކާށި ބަސްތާއެއް. އަހަރެމެން ކުރިކަމަކީ ކާށި ބަސްތާ ހިފައިގެން ދޯނިން ފޭބިގޮތަށްގޮސް މާރުކޭޓަށް ކާށި ބަސްތާ ވިއްކާލާފަ މާރުކޭޓު ހޮޓަލުން ރަނގަޅަށް ސައިބޯލީ. އެދުވަހު އެގޭ ދައްތަ އަހަރެން ގެއިންނެރެލި. ދެން މަންމަ އާދޭސް ކޮށްގެން އަލުން ކާށި ފޮނުވާ ހަދައިގެން ބެހެއްޓީ. މިދައްކަނީ އެންމެންގެ ވާހަކައެއް ނޫން. ބައެއް މީހުން ކަންކަންކޮށްފަ ހުރިގޮތުގެ ވާހަކަ. ވަރަށް ރަނގަޅު މީހުން ކައިރީތިބެ ކުދިން ކިޔަވާ ހެދި. އެކަމަކު އަހަރެންނަށް ހީވަނީ ތިނަދޫގައި ހުރެގެން ކިޔެވި ނަމަ މަށަށް މާ ރަނގަޅުވީސް ހެން. އަހަރެން އުޅުނީ އަހުމަދިއްޔާ ސްކޫލުގައި. މިބުނާ ވާހަކައަކީ އަމުދުން މިހާރު ދެކުނުގެ އަތޮޅުތަކާއި ކުޅުދުއްފުށި ކަހަލަ ބޮޑެތިރަށްރަށުގެ މީހުން ދަރިން މާލެ ނުފޮނުވާށޭ ކިޔެވިދާނެކަމަކަށް. 


ދިރިއުޅުމުގެ އަަގު އެމެރިކާ ފެންވަރު ހުއްޓެއް ކަމަކު އުޅެން ލިބެނީ އެންމެ ފަގީރު ގައުމުތަކުގެ އުޅުން!



އޭ-ލެވެލް އަށް ކިޔަވައިދޭ ރަށްތައް އެއީ. މޭޒެއްމަތީނޫނެއް ކަމަކު، މާލޭގައި ވަރަށް ހާލުގަ ކުދިން އުޅެން ޖެހޭނީ. ދިރިއުޅުމުގެ އަގު އެމެރިކާ ފެންވަރުގައި ހުއްޓެއް ކަމަކު އުޅެންލިބެނީ އެންމެ ފަގީރު ގައުމުތަކުގެ އުޅުން. މާލެނުގެނެސް އޭ-ލެވެލް ނިމުމަށް މާލެއަށްވުރެ ހުރިހާގޮތަކުންވެސް ރަގަޅު ކަންނޭގެ ލަންކާއަށް ދަރިން ފޮނުވިއަސް. އޭރުން ހުންނާނީ އުމުރުންވެސް 18 އަހަރުފުރި ނުވަތަ އެއުމުރާކައިރި ކުރާ އުމުރެއްގައި.  


18 އަހަރުނުވާ ކުދިން އުޅެން މާލެއަކީ ނުރައްކާތެރި މާހައުލެއް!



މާލެ މިއީ ވަރަށް ނުރައްކާތެރި މާހައުލެއް އޮތް ތަނެއް. މިއީ މަގޭ އެކްސްޕީރިއަންސް. އެކިމީހުންގެ ހިޔާލާއި ވާހަކަވެސް ތަފާތުވާނެ. އެއީ އެމީހެއްގެ ތަޖުރިބާގެ އަލީގައި ވާހަކަދައްކާނަމަ.. މިއީ މަގޭވާހަކަ "


ރާއްޖެތެރޭ މީހުންގެ ޕާޓީގެ އިލްތިމާސް ދިވެހިސަރުކާރަށް



ރާއްޖޭގެ ދެ ތިން ސަރަހައްދު ގައި "ހުޅުމާލެ" ހަދައިގެން މެނުވީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކެއް ހައްލުވާކަށްނެތެވެ. ރާއްޖެއަށް އެހީދޭ ޖަމާއަތްތައް ކަމަށްވާ އޭޑީބީ، ޔޫއެންޑީޕީ، އީޔޫ ފަދަ ފަރާތްތަކާ އަދި ރާއްޖޭގެ ފަންނީ މާހިރުންވެސް ތަރައްގީ ސަރަހައްދުތަކަށް ގެންދަން ލަފާދޭއިރުވެސް މިއިން ވާހަކައެއް ސަރުކާރަށް ނީވޭތީ އެކަމާ އަޅުގަންޑުމެން ކަންބޮޑުވެ ހިތާމަ ކުރަމެވެ.

No comments:

Post a Comment

Meedhaa