Wednesday, July 23, 2014

ރާއްޖެތެރޭ މީހުންގެ ވާހަކަ




1.  ދިވެހިރާއްޖޭގައި ގިރާވަރު މީހުން މަހަށްގޮސް މަސްތައް ސާފުކުރަން ދާ މާ ލޭ ކިއާ ފަސްގަނޑުގައި ރަސްކަމެއް އުފެދި އެރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ބަދަލުވެ ރައީސުންގެ ވެރިކަން ފެށިއްޖެއެވެ.

2. ރައީސުންގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގެ ނަލަ ޗާލުރައްތައް ބަލައިލުމަށް ގެސްޓުން އައުން އިތުރުވެ ފަތުރުވެރިކަން ފެށި ރާއްޖެއަށް އާމްދަނީ ލިބޭ މިންވަރު އެތައްތަނަކުން އިތުރުވެއްޖެއެވެ.

3. އާމްދަނީ ލިބުން އިތުރުވުމާއިއެކު ތާރީޚުގައިގައިވެސް ނުފެންނަ ތަރައްގީ މާލެއަށް އެރައީސުންނަށް ގެނެވިއްޖެއެވެ.  

4. އާމްދަނީ އިތުރުވުމުން އިސްކޫލުތައް އެޅުމާ ބިޔަ ބޮޑު ހޮސްޕިޓަލެއް އެޅުމާ، ނަޖިސްފެން ބޭރުކުރާނެ ފެންހޮޅި ވަޅުލުމާ، ސާފުފެން ގޭގެއަށް ފޯރުކޮށްދޭނެ ފެން ހޮޅި ވަޅުލުމާ މިހިރިކަން ކަންކަން ފެށި މާލެއަށް ލިބިއްޖެއެވެ.

5.  ދިވެހިރާއްޖޭގެ ރައްޔިތުން މިކަން އުފަލާއިއެކު ބަލައިގަނެ މިޚިދުމަތްތައް ހޯދުމަށް މާލެއަށް ހިޖުރަކޮށް ވަޒަންވެރިވުން އިތުރުވެ ތަބީއީ ގޮތުން އެކިއެކި ވިޔަފާރިތައް ފެށި ވަޒީފާތައް މާލޭގައި ގިނަވެއްޖެއެވެ.

6.  ޚިދުމަތް ހޯދުމަށް ގިނަ ރައްޔިތުން އަންނަން ފެށުމުން "ރާއްޖެތެރޭ މީހުން މާލެ ފައިބާ ތިބުމުގެ ހުއްދަ" ހޯދަން ހަމަޖައްސާ މިކަން ކޮންޓްރޯލްކުރުމަށް މަސައްކަތް ފެށި ރާއްޖޭގައި ދެވަނަ ދަރަޖައިގެ ރައްޔިތުންތަކެއް އާދެ "ރާއްޖެތެރެމީހުން" ރަސްމީކޮށް އުފެދިއްޖެއެވެ.

7. ނަމަވެސް ސަރުކާރުތަކުގެ "ހެޔޮފުޅުކަމުން" މިގޮތަށް އަންނަ "ރާއްޖެތެރެމީހުން" ނަށް ކުއްޔަށް ދޭނެ އިތުރު ތަންތަން ތަނަވަސް ކޮށްދިނުމުގެ ގޮތުން މާލެ ކަނޑާޖެހެންދެން ހިއްކާ ބޮޑު ރާޅުން ދިފާއުވާފަދަ ވަރުގަދަ ތޮއްޓެއް ލެވިއްޖެއެވެ.

8. މިހުންވުމާއިއެކު މާލޭ ދަފްތަރު ތައާރަފްކޮށް ގިނަ ރައްޔިތުންތަކެއް "ދަންތުރައެއް" ގައި ޖެހި ނިމިއްޖެއެވެ.

9. މާލެ ފުލްކެޕޭސިޓީއަށް އެކިކަންކޮޅުތަކުގެ ރައްޔިތުން ބޭނުންކުރަން ފެށުމާއިއެކު ސަރުކާރުތަކުން މިދިން ޚިދުމަތްތަކަށް ރައްޔިތުން ބޭނުންވާވަރު ހާމަވެ ރާއްޖެތެރޭގެ ނަލަ ރަށްތަކުގައި އެންމެ ކުޑަމިނުން ނަޖިސްފެން ބޭރުކުރާ ހޮޅިއާ ސާފުބޯފެން ލިބޭނެ ހޮޅި ވަޅުލުމަށާއި އަދި ހަމަ އެކަހަލަ ނަލަ ބިޔަ ބޮޑު ރަށްތަކުގެ ތެރެއިން ރަށެއްގައި ބިޔަބޮޑު ހަސްފަތާލަކާ އެންމެމަތީ ތައުލީމީ ފުރުސަތު ފަހިކޮށްދިނުމަށް "ރާއްޖެތެރޭމީހުން" އެދިއްޖެއެވެ.

10. ރާއްޖެތެރޭމީހުންނަށް ބާރު ސްޕީޑްގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ ސަރުކާރުތަކުން އެއްސަހަރު ތަރައްގީކޮށް ފުލްވުމުން އަނެއް ސަރަހަރަށް ވެރިކަން ކުރާރަށް ބަދަލުކޮށް ބިޔަ ބޮޑު ތަރައްގީތައް ގެންނަތަން ފެނިއްޖެއެވެ.

11. މިކަމަށް އެދޭލެއް ބޮޑުކަމުން ގަންނަ ކޮންމެ އެއްޗަކުން ސަރުކާރަށް ޗަންދާއެއްގެ ގޮތުގައި ޓެކްސް ނެގުމަށްވެސް "ރާއްޖެތެރޭމީހުން" ރުހިއްޖެއެވެ.

12.  ނަމަވެސް ދިވެހި ސަރުކާރަށް  މިދިވެހިރާއްޖޭގެ އެހެން ސަރަހައްދެއް ގިނަ ޚިދުމަތްތަކާއިއެކު ތަރައްގީކުރުމަކީ މާކަމުދާކަމަކަށް ނުވެރާއްޖޭގެ ބިންބޮޑު އެތައް ރަށެއް އޮއްވައި މާލެކަރިން ހުޅުލޭ ކިއާ ރަށުގެ ކަނޑާފަޅު ހުރިހާ ރައްޔިތުން ސަރުކާރަށް ދޭ ޓެކްސް ފައިސާއިން މިލިއަނުން ޚަރަދުކޮށް ދަރަނި ނަގާ ހިއްކަން ފެށިއްޖެއެވެ.

13. އަދި ރަސްމީކޮށް ބުނެފައިނެތަސް ސަރުކާރުގެ މަތީ ލެވެލްތަކުގައި ރާއްޖޭގެ އެންމެންނަށް މިސަހަރުގައި އުޅެވިދާނެކަމަށް ތުންތުން މަތިން ކިއާއަޑު "ރާއްޖެތެރެމީހުންނަށް" އިވިއްޖެއެވެ.

14. މިއަޑުތައް އިވި އެތައްހާސް އަހަރެއް ވަންދެން ވަޒަންވެރިވެ އުޅެފައިވާ އަމިއްލަ ޗާލުނަލަ ރަށްތަކާ ބޮޑެތި ބިންތަކާ ދޫކޮށް ދިވެހިވަންތަކަމާ ބީރައްޓެހި ސަހަރު ދިރިއުޅުމަށް ވަޒީފާ ތައުލީމު އަދި ފުރިހަމަ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ދާންޖެހިދާނެކަމުގެ އިހްސާސު "ރާއްޖެތެރެމީހާ" އަށް ވެއްޖެއެވެ.

15.   އަދި ރާއްޖޭގެ އެންމެ ދުވަސްވީ އެވޭލާ ޒަމާނުގެ ދިވެހިވަންތަ ގިރާވަރުމީހުން މަޖުބޫރުން މާލެ ބަދަލުކުރިގޮތަށް ދެން ހުރި ބިޔަބޮޑެތި ރަށްތަކާ އަތޮޅުތަކަށް މިކަމާ ކުރިމަތި ލާންޖެހޭނެ ކަމުގެ ބިރު ހީވެއްޖެއެވެ.

16. އެކަމަކު މިފަހަރު މިބަދަލު އަންނަނީ އަމިއްލައަށް ކަމުގައި ދެއްކޭގޮތަށް ޚިދުމަތުގެ ގޮތުން އެހެން ރަށްތައް ހީނަރުވުމުން ގިނަ ފަރާތްތަކުގެ ލޯމައްޗަށް "ރާއްޖެތެރޭމީހުންގެ" މިމަޖުބޫރީ ހާލަތު ކަޝްފުވެއްޖެއެވެ.

17.  މިބިރުވެރިކަމާ ހާސްކަމުގެ ތެރޭގައި ރާއްޖޭގެ ނަލަޗާލު ރަށްތަކުގައި އަސާސީ ޚިދުމަތް ލިބުމުގެ ހައްގުހޯދުމަށް "ރާއްޖެތެރެމީހުންނާ" އަދި މާލޭ މީހުން ނުކުމެ (އާ) ގާނޫނު އަސާސީއޭ ކިއާ އެއްޗެއް ލިއެ ފެނާ ނަރުދަމާއާ ދުޅަހެޔޮ ސިއްހަތެއް ކޮންމެ މީހަކަށް ކޮންމެ ރަށަކަށް ތަފާތުކުރުމެއްނެތި ލިބިދިނުމަކީ އަސާސީ ހައްގެއްކަމާ ދައުލަތުގެ މައްޗަށް ވާޖިބެއް ކަމަށް އެކަށައެޅި ލިޔެ  ނިމިއްޖެއެވެ.

18.   ނަމަވެސް ސަރުކާރުތަކުގެ ސިޔާސަތާ އަމަލުތަކަށް ބަދަލެއް އައިތަން ފެންނަން ނެތުމާ "ރާއްޖެތެރެމީހުންނާ ރަށްތައް" ޚިދުމަތެއްނެތި ވީރާނާވެ ދިވެހިވަންތަ ދިވެހިދިރިއުޅުން އަންނަންއޮތް ޖީލުތަކަށް ވާސިލްކޮށް ނުދެވޭނެކަމުގެ ފުންހިތާމަޔާއެކު މިކަމާދެކޮޅަށް "ރާއްޖެތެރޭ މީހުންނާ" މާލޭމީހުންގެ ތެރެއިން ޒުވާނުންތަކެއް ތެދުވެއްޖެއެވެ.

19. ދެން ވާގޮތެއް ބަލަން ނުތިބެ ރާއްޖެތެރޭ މީހުންގެ މިކަންބޮޑުވުމަށް ހައްލެއް ލިބޭތޯ އަސާސީ ލިއުމަށްވެސް އެހީތެރިވި ގިނަ މާލޭ މީހުނާ ރާއްޖެތެރޭ މީހުންގެ އެހީތެރިކަމަށް އެދި އާދޭހާއިއެކު  ގޮވިއްޖެއެވެ.

20. މިގޮތަށް ގޮވާލަނީ އާޚިރުގައި ރާއްޖެތެރޭ މީހެއް މާލޭމީހެއް ނެތްކަމާ ހައްތާވެސް ތިބީ ދިވެހިން ކަމާ ދިވެހިންނަކީ ދިމާވި މިފަދަ ކޮންމެ ދަޑިވަޅެއްގައި ވަކިރަށެއް ތަފާތެއް ނެތި އެކީ އެކައްޗަށް ނިކުމެ އެކަމެއް ހާސިލުކުރުމަށް މަސައްކަތް ކުރި ބައެއްކަމަށް ދިވެހިތާރީޚް ހެކިދީ އަދި އެކަން  ކުރާނެ ބަޔެއް ކަމުގައި ދެކޭތީއެވެ.
 

No comments:

Post a Comment

Meedhaa