އަހަރެން މާލެއަށް އައީ 80 ގެ އަހަރުތަކުގެ
ފަހުކޮޅު. މަންމަމެން މާލެ ފޮނުވީ ކިޔަވަން. މާލެއައިސް ހުންނަ ގޭގައި ނިދަން
ޖެހުނީ ބިންމަތީގަ ކުނަލެއް އަޅައިގެން. އެ ގެއަށް މަންމަމެން 500 ރުފިޔާ ފޮނުވާ
މަހަކު އަހަރެން ބަހައްޓަން. އަހަރެން މާލެ އައިސް އަހަަރުވީތަނާ އެއްބަޑު ދައްތަ
އޭނަގެ ދަރި ބަލިވެގެން އަބަދު ބޭސްކުރަންޖެހޭތީ މަޖުބޫރުވީ މާލެއަށް ބަދަލުވާން.
ދައްތަ މާލެ ބަދަލުވުމުން ދައްތައުޅެން 1 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް
ހިފީމާ އެތަނަށް ބަދަލުވެ ދެން ނިދަން ފެށީ އެގޭ ސިޓިންގ ރޫމްގައި ބިންމަތީގަ
ގޮދަޑިއެއް އަޅައިގެން. އެހިސާބުން ކުނަލަކުން ގޮނދަޑިއަކަށް ގްރެޖުއޭޓްވީ. މިހެން
އުޅެ އޯލެވެލް ހަދައި ނިންމައިފިން. ހުރިހާ މާއްދާއަކުން ފާސްވި. ނަތީޖާ
ރަގަޅުވުމުން އެސްއީސީއަށްވެސް ވަދެވުނު. ވަދެފައި 4 މަސް ނުވަނީސް ހަަގަށްތިބި އެއްބަޑު
2 ކުދިންނަށް ޚަރަދުކުރަން ޖެހުމުން ކިޔެވުން އެހިސާބުން ނިންމާ މަސައްކަތަށް
ނުކުތިން.
މަސައްކަތަށް ނުކުމެ، މީހަކާ އިދެގެން ދައްތައާއިއެކު
މާލޭއިން 2 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފައިފިން. އެއްކޮޓަރީގައި
ދައްތައާކުދިންނާ އަނެއް ކޮޓަރީގައި އަހަރެމެން. އަހަރެމެންގެ ކޮޓަރީގައި އެނދުގަ
ގޮދަޑިއެއް އަޅައިގެން ނިދަން ފެށިން. ކައިވެންޏަށް 1 އަހަރުވީތަނާ ދަރިއެއް
ލިބުމުން، ދަރިއާއި އަންހެނުން ނިދަން އެނދު ދީފިން. އަހަރެން އަނެއްކާވެސް ބިންމަތީގައި ގޮދަޑިއެއް އަޅައިގެން ނިދަން
ފަށައިފިން. ދޮށީ ދަރިފުޅަށް 3 އަހަރު ވީތަނާ 2 ވަނަ ކުއްޖެއް ލިބުމުން
އަންހެނުންވެސް ޖެހުނީ ބިންމައްޗަށް ގޮނދަޑިއަށް ފައިބަން. ދައްތަގެ ފިރިމީހާ ދޭ
އެއްޗަކުންނާ އަހަަރެމެން ދެމަފިރިން ކުރާ މަސައްކަތުން ދިރިއުޅޭ އެޕާރޓުމަންޓުގެ
ކުލިދައްކާ ބިލްތަށް ދައްކާ ކައިބޮއި ކިރިޔާ އުޅެވެނީ. އަހަރަމެން އުމުރަށް
އުޅެންޖެހެނީ ކުލި ދައްކައިގެން މިފަދަ ނިކަމެތި ގޮތަކަށްތޯ؟
އަހަރެން މާލެއައިއިރު ރަށުގަ ނިދީ ބޮޑު ކަފަ
ގޮދަޑި އެނދުގަ. އަހަރަމެން ރަށުގަ ބޮޑު ކޮޓަރީގައި މޮޅު ގޮނދަޑީގައި ބޮޑު
އެނދެއްގައި ނިދާ ދިރިއުޅެވެން އެބައޮތް. އާމްދަނީ ހޯދޭނެ ވަސީލަތްތަކާ ބިން އެބައޮތް.
ކުރަންޖެހޭ ކަމަކީ އެވަސީލަތްތަކުގެ ބޭނުންކޮށްގެން އަތޮޅުގައި ވަޒީފާ އުފެއްދުން.
އަސާސީ ޚިދުމަތް ގާއިމްކުރުން. މާލެ ނައިސް ދާއިމީ ބަލިތަކަށް ބޭސްކުރެވޭނެ ގޮތެއް
އޮތުން.
ހުރިހާވެސް މައްސަލައަކީ ވެރިން ރާއްޖޭގެ
އިގުތިސާދު މާލެ ސަރަހައްދުގަ ހިފަހައްޓަން އުޅުން، ރާއްޖެތެރޭމީހުން ކުއްޔަން
އުޅެން މަޖުބޫރުވާގޮތަށް ސިޔާސަތުރޭވުން
No comments:
Post a Comment