މުޙައްމަދު ނަޒީފު
1. ރައްޔިތު މަސައްކަތާއި ރައްޔިތުންގެ
ބައިވެރިވުން
ރާއްޖޭގެ
ރައްޔިތުންނަކީ ކުރީ ޒަމާނުގައި ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުން ގޮތުގައި
އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރަމުން ގެންގޮސްފައިވާ ބަޔެކެވެ. ދިރިއުޅުމުގެ
ހުރިހައިކަމެއް އެ މީހުން އަމިއްލަޔަށް ހަމަޖައްސައިގެން އަމިއްލަ ޒިންމާގައި
ދިރިއުޅޭ ބައެއްގެ ގޮތުގައެވެ. ވެރިކަން ހިންގުމާއި، ތަޢުލީމް ދިނުމާއި،
ބޭސްފަރުވާ ކުރުމާއި، ދީނީ ކަންތައްވެސް އަމިއްލަ ރަށުގައި އެ ރަށެއްގެ
ރައްޔިތުންގެ މެދުގައި ރަނގަޅު އުޞޫލުތަކަކުން ހަމަޖެހިގެން ކުރަމުންދިޔަ ބައެއްގެ
ގޮތުގައެވެ. ރަށްރަށުގެ ކަތީބުންނާއި މުދިމުން ފަދަ މިހުންގެ މުސާރަ ދީ އުޅުނީވެސް
ރައްޔިތުންކުރާ މަސައްކަތުން ހޯދާ އާމްދަނިއަކުން ސިދާ ރައްޔިތުންނެވެ. މިގޮތުން
މަސްވެރިން ބާނާމަހުން ވެރިންނަށް ބައި އެޅުމާއި، މިސްކިތް ބެލެހެއްޓުމަށް
ބަންޑާރަ ރުކުން ބައެއް މިސްކިތު ރުއް ކަމުގައި ހަމަޖައްސާ އެޔަށް ލިބޭ
އާމްދަނީއަކުން މިސްކިތް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖައްސަމުން ގެންދިޔަ
ޒަމާންވެސް މާޒީވެ ގޮސްފައިވެއެވެ.
ރާއްޖޭގެ ބައެއް
ރަށްރަށުގައި އެ ރަށްރަށުގެ ތަރައްޤީއަށް ކޮށްފައިވާ ފާހަގަކޮށްލެވޭ ބޮޑެތި
މަސައްކަތްތައް ތަކަކީ މިދެންނެވިފަދައިން ރައްޔިތުން އިސްނަގަގެން ކޮށްފައިވާ
މަސައްކަތްތަކެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށަކީ މިގޮތުން ނަގާކިޔާލެވޭ
ރަށްރަށެވެ. ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ރައްޔިތުން އަމިއްލަޔަށް ނުވަތަ
ރައްޔިތުންގެ ބައިވެރިވުމާއިއެކު ކޮށްފައިވާ ރަށްރަށެވެ. ވުމާއިއެކު ރަށުގެ
މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވުން އެއީ ދިވެހިރާއްޖޭގެ ރަށްރަށުގެ
ރައްޔިތުންނަށް އައު ކަމަކަށް ނުވާނެއެވެ.
އިސްވެ
ދެންނެވުނު ބައިވެރިވުމަށް ދީފައިވާ ނަމަކީ ރައްޔިތު މަސައްކަތެވެ. ރައްޔިތުންގެ
މަސައްކަތުގައި ރައްޔިތުން ބައިވެރިވާ ވާހަކައެވެ. އާމްދަނީ ހޯދުމަށް
ކުރާމަސައްކަތް ތައް ހުއްޓާލުމަށްފަހު ރަށު ބަންދުގައި ތިބެގެންވެސް ރައްޔިތުން
މަސައްކަތަށް ކޮށްފައިވެއެވެ.
މިފަދަ
މަސައްކަތް ކުރެވެމުންދިޔައީ ވަކި ޕްލޭން އެއްގެ ދަށުން ރާވައިގެން ކުރެވޭ
ކަމަކަށްވުރެ ބޮޑަށް އެވަގުތަކަށް މުހިންމު ކަމެއް ދިމާވުމުން އެކަމެއް ކުރާ
އުސޫލުންނެވެެ. މިފަދަ ކަންކަން ރޭވުމުގައި ރައްޔިތުންގެ ތެރެއިން ތަފާތު ފަންތީގެ
މީހުންގެ މާބޮޑު ބައިވެރިވުމެއް ނެތިއެވެ. ކޮންމެވެސް ބަޔަކު ނުވަތަ ކޮންމެވެސް
ފަރާތަކުން (ގިނަފަހަރަށް ރަށު އޮފީސް މެދުވެރިކޮށް ސަރުކާރުން ނުވަތަ އޮފީސް
ހިންގާ ފަރާތުން) ކުރަންވީ ކަންތައް ކަނޑައެޅުމުން ރައްޔިތުން ނުކުމެ މަސައްކަތް
ކުރާ އުސޫލުންނެވެ.
ޒަމާން
ބަދަލުވަމުން ދިޔަ ދިޔަހެން މަޑުމަޑުން މިކަންކަމަށް ބަދަލުއަންނަމުން ދިޔައެވެ.
ރައްޔިތުންނަށް ސަރުކާރުން އެކި ޚިދުމަތްތަށް ދޭންޖެހިި، ޚިދުމަތްތައް ފުޅާ
ވެގެންގޮސް ޚިދުމަތް ދިނުމުގެ އިންތިޒާމް ތަކާއި އުސޫލުތަކަށް އަންނަމުން ދިޔަ
ބަދަލުތަކާއި ގުޅިގެން ރައްޔިތުން އަމިއްލަޔަށް އިސްނަގައިގެން ކުރަމުންދިޔަ
ކަންކަން ސަރުކާރުން ކޮށްދޭ ކަންތަކަށް ބަދަލުވަމުން ދިޔައެވެ.
ބަރޯސާ
ކުރުމާއި ބަރޯސާވުމުގެ ޘަޤާފަތަކާއި ދިމާއަށް މިސްރާބު ބަދަލުވިއެވެ. ރައްޔިތުންގެ
މާބޮޑު ބައިވެރިވުމެއްނެތި ސަރުކާރަށް ފެންނަކަމެއް ފެންނަގޮތަކަށް ކުރަމުން
ދިޔުމާއި އަދި ރަށުގެ އިދާރާތަކާއި ރައްޔިތުންނާއި އޮންނަ ގުޅުން ކުޑަވުމާއި އަދި
ވިސްނުންތަކަށް އަންނަމުން ދިޔަ ބަދަލުތަކާއި އެކު، މިދެންނެވި ރައްޔިތު
މަސައްކަތާއި އަދި އެއްރައްޔިތެއްގޮތުގައި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރަމުން
ދިޔަ ރޫހަށް ހީނަރުކަން އަންނަމުން ގޮސް ބައެއް ރަށްރަށުގައި
އެއްރައްޔިތެއްގޮތުގައި މަސައްކަތްކުރުމުގެ ރޫހު ވަނީ މުޅިން ނެތިގެން ގޮސްފައެވެ.
މިހެން ދެންނެވިނަމަވެސް ބައެއް ކޮމިއުނިޓީ ތަކުގައި ފަރުދީ ފެންވަރުގަޔާއި އަދި ޖަމްޢިއްޔާ/ޖަމާޢަތުގެ
ފެންވަރުގައި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ
ކުރަންޖެހެއެވެ.
2. ކަންކަން ރާވާ ހިންގުމުގައި
ރައްޔިތުންގެ ބައިވެރިވުން
މި
ކަރުދާހުގައި ރައްޔިތުންގެ ބައިވެރިވުން ގޮތުގައި ބަލަލާފައިވާނީ ކުރިން
މިދެންނެވުނު ރައްޔިތު މަސައްކަތަށް ވުރެ ފުޅާ ދާއިރާއެއްގައެވެ. ހަމައެކަނި ވަކި
ފަރާތަކުން އަންގައިގެން ނުވަތަ ވަކި ފަރާތަކުން ހުރިހާކަމެއް ރާވާ ނިންމައިގެން
ރައްޔިތުން ރައްޔިތު މަސައްކަތްކުރާ އުސޫލަކުން ނޫނެވެ. ނަމަވެސް ހުރިހާ
ފެންވަރެއްގައި ރަށްރަށުގެ ކަންކަން ރާވާ ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން
ފުޅާ ދާއިރެއްގައި ހޯދާ ލިބިގަތުމުގެ މައްޗަށެވެ. އަދި މިފަދަ ނިންމުންތައް
ނިންމުމުގަޔާއި ރޭވުންތައް ރޭވުމުގައި ރަށުގެ ތަފާތު ފަންތީގެ އަދި ތަފާތު
ގިންތީގެ ވީހާ ގިނަބަޔެއްގެ ޚިޔާލާއި މަޝްވަރާ އާއި ބައިވެރިވުން ހޯދުމުގެ
މައްޗަށެވެ.
ރައްޔިތުންެގެ
ބައިވެރިވުމަކީ ތަންކޮޅެއް ދޫކޮށް ބުނާނަމަ "ރައްޔިތުންގެ މައްސަލަތައް
ހައްލުކުރުމަށް ބާހާއި އަމަލުން ރައްޔިތުން ނަން ބައިވެރި ވުމުގެ ފުރުޞަތު
އޮތުމެވެ." މިއީ އަސާސީ އިންސާނީ ހައްޤެކެވެ. އަދި ޑިމޮކްރެސީގެ އެއް އަސާސް
އެވެ.
ކަންކަން
ރާވާ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުމަކީ ބާރުވެރި ރައްޔިތެއް އުފެއްދުމުގެ
ތަޅުދަނޑިއެވެ. އަދި ހަމަ އެއާއިއެކު އެއީ މުޖްތަމަޢުގެ ކާމިޔާބީ އަށް މުހިންމު
ވަސީލަތެކެވެ. ނަތީޖާތައް ދައްކާގޮތުން ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންގެ
ބައިވެރިވުން ބޮޑަށް އޮންނަ މުޖްތަމަޢު ތަކުގައި ކަންކަން ކުރަން ބޭނުންވާ
ވަސީލަތްތައް ހޯދުމާއި އަދި ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުން
ކުރުމަށާއި އަދި މުޅި ކޮމިއުނިޓީއަށް ފައިދާހުރި ގޮތުގައި ކަންކަން ކުރަން
މަގުފަހިވެއެވެ. އަދި މިފަދަ މުޖްތަމަޢު ތަކުގައި އެ މުޖްތަމަޢު އާއި މެދު
ރައްޔިތުންގެ ހިތްހަމަޖެހުން ބޮޑުވެއެވެ.
3. ތަރައްޤީގައި ރައްޔިތުން
ބައިވެރިވުމުގެ ޤާނޫނީ މަސްއޫލިއްޔަތު
ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާ، "މަސްޢޫލިއްޔަތު
ތަކާއި ވާޖިބުތައް" މި ސުރުހީގެ ދަށުގައި ބަޔާންކޮށްފައިވަނީ
"ކޮންމެ
މީހަކަށްވެސް ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެ މިހަކު އަދާކުރާންޖެހޭ
މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމުގައިވީ ހިނދު،
އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި
އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކު މެ އެކަންތަކަށް އިޙްތިރާމް
ކުރާންވާނެއެވެ."
މިގޮތުން ލިސްޓް ކޮށްފައިވާ ކަންތަކުގެ
ތެރެއިން އެ މާއްދާގެ (ނ) ގައި ވަނީ "މުޖްތަމަޢުގެ ދުޅަހެޔޮކަމަށާއި
ތަރައްޤީއަށް މަސައްކަތްކުރުން." މިހެނެވެ. އެހެންކަމުން މުޖްތަމަޢުގެ
ދުޅަހެޔޮކަމަށާއި ތަރައްޤީއަށް ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރުމަކީ ޤާނޫނު
އަސާސީގައި ބަޔާންވެގެންވާ ޤާނޫނީ މަސްއޫލިއްޔަތެކެވެ.
ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ލާމަރުކަޒީ އުސޫލުން
ހިންގުމުގެ މަޤްޞަދު ކަމުގައި ބަޔާންކޮށްފައިވަނީ "ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ
ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް
ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްރިޞާދީގޮތުންނާއި،
ޘަޤާފީގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ
ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ
ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި
އަމާން ވެއްޓެއް ޤާއިމްކުރުމެވެ." މި ފަދައިންނެވެ.
ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ
ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން
އަމިއްލައަށް ނިންމުމަށް މަގުފަހިކުރުން ކަމާއި އަދި ރައްޔިތުން ބާރުވެރިކުރުން
ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކޮށްފައި އޮތުމުން، ތަރައްޤީ އަށް
މަސައްކަތްކުރުމަށް ޤާނޫނުއަސާސީން ކޮންމެ ރައްޔިތެއްގެ މައްޗަށް މަތިކޮށްފައިވާ
މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށް ދިނުމަކީ ލާމަރުކަޒީ އުސޫލުން ހިންގުމަށް
އިންތިހާބު ކޮށްފައިވާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެކެވެ.
ވެރިކަން
ހިންގުމުގަޔާއި އަދި ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންގެ މަޝްވަރާ އާއި
އެއްބާރުލުން ހޯދުމަކީ ލާމަރުކަޒީ ސިޔާސަތާއި އަދި ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ކަންކަން
ކުރުމުގެ އެއް އަސާސްއެވެ. އެހެންކަމުން ކައުންސިލްތަކުން ކަންކަން ރާވާ
ހިންގުމުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ކޮމިއުނިޓީއެއްގައި ހިމެނޭ ތަފާތު
ފަންތީގެ ވީހާވެސް ގިނަބައެއްގެ ބައިވެރިވުން ހޯދުމަށް މަސައްކަތް
ކުރާންޖެހޭނެއެވެ.
4. ތަރައްޤީ އަށް ކުރެވޭ
ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހުރި ބައެއް ހުރަސްތައް
4.1. ރައްޔިތުންގެ ބައިވެރިވުމާއިއެކު ހަރަކާތްތައް ރާވާ
ހިންގުގުމުގެ ޤާބިލްކަންކުޑަވުން
ރަށާއި
ބެހޭގޮތުން ނިންމަންޖެހޭ ތަފާތު ނިންމުންތައް ނިންމުމުގަޔާއި އަދި ހަރަކާތްތައް
ރާވާ ހިންގުމުގައި ރައްޔިތުން ބައިވެރިކުރުމުގެ ޤާބިލްކަން ކުޑަވުން މިއީވެސް
ކަންކަމުގައި ރައްޔިތުންގެ އެންމެ އެކަށީގެންވާ ބައިވެރިވުން ލިބުމަށް ދިމާވާ
މައްސަލައެކެވެ.
4.2. ރަށުގެ އިދާރާތަކާއި މެދު އޮތް އިތުބާރު ކުޑަވުން
ރަށުގެ
އިދާރާތަކާއި ރައްޔިތުންނާއި އޮންނަން ޖެހޭ ގުޅުން ކުޑަވެ ތަފާތު ސަބަބު
ތަކާއިހުރެ އިދާރާތަކާއި ރައްޔިތުންނާއި ދެމެދު އޮންނަންޖެހޭ އިތުބާރު ކުޑަވުމުގެ
ސަބަބު އެއީ ރައްޔިތުންގެ ބައިވެރިވުންލިބުން ހީނަރުވެގެން ދިޔަ ސަބަބެކެވެ.
4.3. ކަންކަން
ރޭވުމުގައި ރައްޔިތުންގެ ބައިވެރިވުން ނެތުމާއި ޑިޕެންޑެންސީ ނުވަތަ ބަރޯސާވުން
ބޮޑުވުން
ރައްޔިތުންގެ
ބައިވެރިވުމެއްނެތި ކަންކަން ވަމުން ދިޔުމާއި ކަންކަން ރޭވުމުގައި ރައްޔިތުންގެ
ބައިވެރިވުން ނެތުން ވެގެން ދިޔައީ ރައްޔިތުންގެ ކިބާގައި ކަންކަން ކޮށްދޭތޯ
ނުވަތަ ކޮށްދެންދެން ތިބުމުގެ ރޫޚު ނުވަތަ ބަރޯސާވުން ބޮޑުވެެގެން ދިޔުން.
4.4. ރައްޔިތުންގެ ޤާބިލްކަން އިތުރުކޮށްދޭނެ ހަރަކާތްތަކަށް
ފުރުޞަތު ކުޑަވުން
ކަންކަން
ރާވާ ހިންގުމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން އެންމެ ފައިދާހުރި ގޮތުގައި
ލިބިގަތުމަށްޓަކާ ރައްޔިތުންގެ ޤާބިލްކަން އިތުރުކުރުމަށް ސަމާލުކަން ނުދެވުމާއި
މިފަދަ ހަރަކާތްތައް ހިންގުމުގެ ފުރުޞަތުނެތުން
4.5. ތަރައްޤީގެ ހަރަކާތްތައް ރާވާ ހިންގޭނެ މާހައުލެއް ނެތުން
ރައްޔިތުން
ބައިވެރިގެން ރަވާ ތަފާތު ހަރަކާތްތައް ހިންގޭނެ ފުރުޞަތުތަކާއި އެކަމަށް
އެކަށީގެންވާ މާހައުލެއް ނެތުމާއި އަދި މިފަދަ ކަންކަމަށް އިދާރާތަކުންނާއި އަދި
އެހެނިހެން ފަރާތްތަކުން ލިބެހްޖެހޭ އެއްބާރުލުން ނުލިބުން.
5.
ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން
ކޮމިއުނިޓީ
ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން މާނަކޮށްދެނީ ކޮމިއުނިޓީގެ
ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހިތްވަރުދީ ޝައުޤުވެރި ކުރުވުމެވެ.
މިކަމަށްޓަކާ އެ ކޮމިއުނިޓީއެއްގެ ކުރިއެރުމަށްޓަކާ ރައްޔިތުންގެ ބޭނުންތަކާއި
އިހްސާސްތައް ދެނެގަނެ އެކަންކަން ހާސިލުކޮށްދިނުމަށްޓަކާ މަސައްކަތް
ކުރަންޖެހެއެވެ. އަދި އެ ކޮމިއުނިޓީއެއްގެ ރައްޔިތުން ހަރަކާތްތެރި ކަމާއިއެކު
ކޮމިއުނިޓީގެ ކަންކަމުގައި ބައިވެރިވެެ އުޅުމަށް މަރުޙަބާ ކިޔާ ވެށްޓެއް
އޮންނަންޖެހޭނެއެވެ. އަދި ކޮންމެމީހަކަށްވެސް މުހިންމު ރޯލެއް އަދާކުރެވޭނެ
ފުރުޞަތުތަައް އުފައްދާ، ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ބައިވެރިވުމަށް
އަމަލީގޮތުން ހިތްވަރުދީ އަދި މާނަވީ ވޮލަންޓްރީ ފުަރުޞަުތައްއުފައްދާ މިފަދަ
ބައިވެރުވުމަށް ހިތްވަރުދޭން ޖެހެއެވެ.
ރައްޔިތުން
ބާރުވެރި ކުރުމުގެ އަސާސް ތަކުގެ ތެރެއިން ކަންކަން ރާވާ ހިންގުމުގައި
ރައްޔިތުންގެ އަމަލީ ބައިވެރިވުން މިއީ އޭގެ އެންމެ މުހިންމު އެއް އަސާސްކަމުގައި
ބުނެވިދާނެއެވެ. މީގެ ސަބަބުން ހަޤީޤީ ޑިމޮކްރެސީ ޤާއިމް ކުރުމަށް
މަގުފަހިކުރުމުގެ އިތުރަށް ދިރާސާތަކުން ދައްކާ ގޮތުގައި މީގެ ސަބަބުން އެންމެ
ފުރިހަމަ ގޮތުގައި ވަސީލަތްތައް ހޯދާ ބޭނުންކުރުން އިތުރުކޮށްދިނުމާއި ނަތީޖާ
ރަނގަޅުވުމާއި، ވޮލަންޓިއަރިޒަމް ގެ ރޫޙު އިތުރުވުމާއި އަދި ކޮމިއުނިޓީ ރޫޙު
އިތުރުވުން ހިމެނެއެވެ.
5.1. ޝައުޤުވެރިކަން އުފެއްދުން
ކޮމިއުނިޓީގެ
ކުރިއެރުމަށް މުހިންމު އަދި ބޭނުންތެރި ކޮންމެ ކަމަކީ ރައްޔިތުން ޝައުޤުވެރިކަން
ހުރި އަދި މުހިންމު ކަމެއްކަމުގައި ނުދެކިދާނެއެވެ. އެހެންކަމަށްވާއިރު ކޮމިއުނިޓީ
ހަރަކާތްތެރިކުރުވަން މަސައްކަތްކުރާ ފަރާތެްގެ އެންމެ މުހިންމު އެއްދައުރަކީ އެ
ކަމަކާއި ގުޅޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި އަދި ކަމުގެ ސީރިއަސް
ކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމާއި އަދި އެކަމަކަށް ރައްޔިތުންގެ
ސަމާލުކަން ބޮޑުކުރުމެވެ.
5.2. ރައްޔިތުންގެ ބައްދަލުވުންތައް
ރައްޔިތުންގެ
ބައިވެރިވުމާއި އެކު ކަންކަން ރޭވުމާއި ވަޒަންކުރުމުގެ ގިނަ ހަރަކާތްތައް ހިގާނީ
ބައްދަލުވުންތަކެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ކަންކަން ރާވާ ހިންގުމާއި
ވިލަރެސްކުރުމުގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަވާލުކުރާނަމަ މިފަދަ
ބައްދަލުވުންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުން ވަރަށްވެސް
މުހިންމެވެ. އަދި ބައްދަލުވުން ކުރިޔަށް ގެންދާ ފަރާތުގެ ކިބައިގައި މިފަދަ
ބައްދަލުވުންތައް ކުރިޔަށްގެންދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރުމަކީ
މުހިންމު ކަމެކެވެ.
5.3. ރައްޔިތުންގެ ޤާބިލްކަން އިތުރުކުރުން
ރައްޔިތުންގެ
ފުރިހަމަ ބައިވެރިވުން ހޯދުމަށްޓަކާ ރައްޔިތުންގެ ޤާބިލްކަން އިތުރުކުރުމަކީވެސް
މުހިންމުކަމެކެވެ. މިގޮތުން ރައްޔިތުންގެ ކިބާގައި އަމިއްލަ ނަފްސަށް
އިތުބާރުކުރުމުގެ ޤާބިލްކަން އުފެއްދުމަށްޓަކާ ތަފާތު ދާއިރާތަކުން ރައްޔިތުންގެ
ހުނަރު އިތުރުކުރުމަކީ މުހިންމު ކަމެކެވެ.
6. ރައްޔިތުން ބައިވެރިވެގެން
ކަންކަން ރާވާ ވަޒަންކުރުމުގެ ބައެއް ގޮތްތައް
6.1. ޕީ.އާރ.އޭ (ޕާޓިސިޕޭޓަރީ ރޫރަލް އެޕްރެއިޒަލް)
ޕީއާރއޭ އަކީ
ކޮމިއުނީޓީ ގެ ހާލަތު ވަޒަންކުރުމަށާއި ކޮމިއުނިޓީގެ ބޭނުންތައް ދެނެގަތުމަށްޓަކާ
ކޮމިއުނިޓީގެ ތަފާތު ފަންތީގެ މީހުން ހިމެނޭގޮތުން ހިންގާ ހަރަކާތެކެވެ. ކަންކަން
ފަށާގަތުމަށް ބޭނުންވާ ބޭސްލައިން ކަޑައެޅުމުގައިވެސް ޕީއާރއޭ އިން އެއްކުރެވޭ
މަޢުލޫމާތު ބޭނުން ކުރެވެއެވެ. އަދި ކަންކަން ރޭވުމުގައި އާއި ކަންކަން
ހިންގުމުގައާއި އަދި ކަންކަން ހިގަމުންދާ މިންވަރު ވަޒަންކުރުމުގައިވެސް ޕީއާރއޭ
ބޭނުންކުރެވެއެވެ. ޕީއާރއޭ ކުރިޔަށް ގެންދިއުމުގައި ތަފާތު ގޮތްތަކާއި
ވަސީލަތްތައް ބޭނުންކުރެވެއެވެ. މިގޮތުން ބޭނުންކުރެވޭ ބައެއް ވަސީލަތް ތަކުގެ
ތެރޭގައި ޗާޓްކުރެހުން (mapping)، ތަފާތު
ޑައިގްރާމް ތަކާއި ޓޭބަލްތައް، ބްރެއިންސްޓޯމިންގ އާއި ޑިސްކަޝަން ހިމެނެއެވެ.
6.2. މައްސަލަ ދިރާސާކުރުން (ޕްރޮބްލަމް ޓްރީ އެންލިސިސް)
މި
ހަރަކާތުގެ ބޭނުމަކީ ކޮމިއުނިޓީ އަމަލީގޮތުން ބައިވެރިވެ މައްސަލައެއް ފާހަގަކޮށް
އެމައްސަލަ ހައްލުކުރުމަށް ހާސިލްކުރަންޖެހޭ މަޤްޞަދު ދެނެގަތުމާއި އަދި
ކުރަންޖެހޭނެ ކަންތައްތައް ކަނޑައެޅުމާއި އަދި ހާސިލްވާނެ ނަތީޖާ ކަނޑައެޅުމެވެ.
6.2.1. މައްސަލަ ދިރާސާކުރުން
ތަފާތު
ދާއިރާތަކުން ހުރި މައްސަލަތަކަށް ކުރާނެކަންތައްތައް ކަޑައެޅުމުގެކުރިން،
ރައްޔިތުން ބައިވެރިވެގެން ކޮމިއުނިޓީގެ ތަފާތު ދާއިރާތަކުގައި ހުރި އަސްލު
މައްސަަލަތައް ފާހަގަކޮށް، ފާހަގަ ކުރެވުނު މައްސަލަ ތަކާއިމެދު ބައިވެރިންގެ
މެދުގައި މަޝްވަރާ ކުރެވުމަށްފަހު، އެ މައްސަލަތަކަށް ބައިވެރިން އިސްކަންދޭ
އުސޫލަކުން ތަރުތިބުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ތަރުތީބު
ކުރުމަށްޓަކާވެސް ކޮމިއުނިޓީ އާއި އެކު މި ފަދަ ހަރަކާތެއްހިންގި ދާނެއެވެ.
އަސްލު
މައްސަލަ އާއި މެދު އެއްބަސްވެވުމުން، އެންމެންނަށް ފެންނަ ގޮތަށް ބެހެއްޓިފައިވާ
ކުރެހުމުގެ ނުވަތަ ކަރުދާހުގެ މެދުގައި ފާހަގަކުރެވުނު މައްސަލަ ލިޔާނީއެވެ.
ނުވަތަ ކާޑުގައި ލިޔެ ހަރުކުރާނީއެވެ.
ދެން އޮންނާނީ އެ މައްސަލަ އުފެދެން ދިމާވާ ސަބަބުތައް ފާހަގަކުރުމެވެ.
މިގޮތުން ފާހަގަ ކުރާނީ މައްސަލައާއި ސީދާ ގުޅުންހުރި ސަބަބު ތަކެވެ. އެންމެން
އެއްބަސްވާ ސަބަބުތައް ކުރެހުމުގައި ނުވަތަ ކަރުދާހުގައި މައްސަލައިގެ ތިރީގައި
ލިޔަމުން ދާނީއެވެ.
ދެން ފާހަގަ
ކުރާނީ މައްސަލައިގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާ ތަކެވެ. މީގައިވެސް ފާހަގަ
ކުރާނީ މައްސަލަ އާއި ސީދާ ގުޅުންހުރި ނޭދެވޭ ނަތީޖާ ތަކެވެ. މި ނަތީޖާތައް
ކުރެހުމުގައި ނުވަތަ ކަރުދާހުގައި ލިޔުނު މައްސަލައިގެ މަތީގައި ވަކިވަކިން
ލިޔާނީއެވެ.
6.2.2. މައްސަލަ ހައްލުކުރުމަށް މަޤްޞަދު ކަނޑައެޅުން
ދެން
އޮންނާނީ، މައްސަލަ ދިރާސާކުރުމަށް ހިންގުނު ހަރަކާތުން އެކުލަވާލެވުނު
މައްސަލައިގެ ޗާޓްގައި ފާހަގަ ކުރެވިފައިވާ މައްސަލަތައް، މައްސަލަ ހައްލުކުރުމަށް
ބޭނުންވާ މަޤްޞަދުތަކަށް ބަދަލު ކުރުމެވެ. މިގޮތުން ޗާޓް ގައި ފާހަގަކޮށްފައިވާ
މައްސަލަތަކުގެ ބަސްމަގު، ބައިވެރިންގެ މަޝްވަރާ އާއިއެކު ހާޞިލްކުރަން ބޭނުންވާ
މަޤްޞަދުތަަކަށް ބަދަލުކުރާނީއެވެ. މިގޮތަށް ބަދަލުކުރުމުން މައްސަލަދިމާވާ
ސަބަބުތަކާއި މައްސަލައިގެ ނޭދެވޭ ނަތީޖާ ދައްކުވައިދޭ ޗާޓް ބަދަލުވެގެންދާނީ
މައްސަލަ ހައްލުކުރުމަށް ކަނޑައަޅާ މަޤްޞަދުތަކާއި އޭގެން ނުކުންނާނެ އެދެވޭ
ނަތީޖާ ދައްކުވައިދޭ ޗާޓަކަށެވެ.
6.2.3. މަޤްޞަދު ހާސިލުކުރުމަށް ކުރާނެ ކަންކަން ކަނޑައެޅުން
ދެންއޮންނާނީ
ފާހަގަކުރެވުނު މަޤްޞަދުތައް ހާޞިލު ކުރުމަށްޓަކާ ހިންގާނެ މުހިންމު ކަންކަން
މަޝްވަރާކޮށް ކަނޑައެޅުމެވެ. މިގޮތުން ހަރަކާތްތައް ކަނޑައެޅުމުގައި
މަޝްވަރާކުރިޔަށް ގެންދާ ފަރާތުން ބައިވެރިންނަށް ހަރަކާތްތައް ކަނޑައެޅުމުގައި،
އެ ހަރަކާތެއް ހިންގުމުގައި ހުރި ފުރުޞަތު ތަކާއި ދިމަވެދާނެ ހުރަސްތަކާއި މެދު
ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެހީތެރިވެދޭން ވާނެއެވެ.
މިގޮތުން
ހިންގާނެ ހަރަކާތްތަކާއި އެހަރަކާތްތަކަށް ހިންގުމަށް ބޭނުންވާނެ ވަސީލަތްތަކާއި
އަދި ވަސީލަތްތައް ހޯދާނެގޮތާއި އެތަކެތި ބޭނުންކުރާނެ ގޮތާއި އަދި
ކަންކަންކުރުމުގައި ޒިންމާވަނެ ފަރާތްތައް ބައިވެރިން ކަނޑައަޅާނިންމާނީއެވެ.
7. ރައްޔިތުންގެ ބައިވެރިވުން ލިބޭ މުޖުތަމަޢުއެއްގެ
ބައެއް ސިފަތައް
ރައްޔިތުންގެ
ބައިވެރިވުން ލިބޭ ކޮމިއުނިޓީ އެއްގައި ތަފާތު ސިފަތަކެއް ހުރެއެވެ. މި ސިފަތައް
އެކި ކޮމިއުނިޓީގައި ތަފާތު ވެދާނެއެވެ. ނަމަވެސް މިފަދަ ކޮމިއިނިޓީ ތަކުގައި
އެއްގޮތް ކަންތައްތަކެއްހުރެއެވެ.
7.1. ގިނަބައެއްގެ ބައިވެރިވުން
ފުރަތަމަ
ކަމަކަށް މިފަދަ ކޮމިއުނިޓީތަކުގައި ހަމައެކަނި އިސްކޮށް ތިބޭބަޔަކު ކަންކަން ރާވާ
ހިންގުމުގެ ބަދަލުގައި ކަންކަން ރާވާ ހިންގުމުގައި އެންމެންގެ ބައިވެރިވުން
އޮންނާނެއެވެ. އަދި އިޖްތިމާޢީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވެގެން ކަންކަން
ކުރާތަން ފެންނާނެއެވެ.
7.2. ބާރުތަކާއި ޒިންމާތައް ބެހިފައި އޮތުން
ދެވަނަ
ކަމަކަށް، ރައްޔިތުންގެ ބައިވެރިވުން ލިބޭ ކޮމިއުނިޓީ ތަކުގައި އެ ކޮމިއުނިޓީ
އެއްގެ ތަފާތު ފަންތީގެ އަދި ތަފާތު ގިންތީގެ މީހުންނާއި ޖަމްޢިއްޔާ
ޖަމާޢަތްތަކުން އެބައެއްގެ ހުނަރާއި ފެންވަރުން ކަންކަމުގައި އަމަލީގޮތުން
ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. އިންތިހާބުކުރާ ކައުންސިލުން ބާރުތަކާއި
ޒިންމާތައް ހިފެހެއްޓުމުގެ ބަދަލުގައި ބާރުތަކާއި ޒިންމާތައް އޮންނާނީ
ކޮމިއުނިޓީގެ ތަފާތު ބައިތަކުގެ މައްޗަށް ބަހާލެވިފައެވެ.
7.3. ހާމަކަން ބޮޑުވުމާއި ކަންކަން އެގުން
ތިންވަނަ
ކަމަކަށް، ރައްޔިތުންގެ ބައިވެރިވުން ލިބޭ ކޮމިއުނިޓީ ތަކުގައި ކުރާކަން ކުރެވޭނީ
ވަރަށް ހާމަކަން ބޮޑުގޮތެއްގައި އަދި މިކަންކަން ފުޅާ ދާއިރާއެއްގައި
އިޝްތިހާރުވެސް ކުރެވޭނެއެވެ. ހުރިހާ ރައްޔިތުންނަށްވެސް އެ ކޮމިއުނިޓީގައި
ހިގަމުންދާ ކަންތައްތަކުގެ މައުލޫމާތު ފުރިހަމައަށް ލިބޭނެއެވެ. އަދި
އެކަންކަމުގައި ފައިދާހުރި ދައުރެއް އަދާކުރުމަށް އޮތް ފުރުޞަތުވެސް އިގޭނެއެވެ. ކަންކަން
ސިއްރު ކުރުމަކީ އޭގެ ސަބަބުން ރައްޔިތުން މެދުގައި ޝައްކާއި އިތުބާރު ގެއްލި އަދި
ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުމަށް ހީނަރުކަން ގެނެސްދޭ ކަމެކެވެ.
7.4. ރައްޔިތުންގެ ޚިޔާލަށް އިޚްތިރާމްކުރުން
ހަތަރުވަނަ
ކަމަކަށް، ރައްޔިތުންގެ ބައިވެރިވުން ލިބޭ ކޮމިއުނިޓީ ތަކުގައި ކަންކަން ރޭވާ
ހިންގުމުގައި ވަކި މީހެއްގެ ޚިޔާލު އެއީ އަގުނުކުރެވޭ އެއްޗެއްކަމުގައި
ނުދެކެވެނެއެވެ. ކޮންމެ މީހެއްގެ ޚިޔާލަށްވެސް މަރުހަބާ ކިޔޭނެއެވެ. އަދި ކޮންމެ
ޚިޔާލަކީވެސް އޭގައި ފައިދާ ހުރެދާނެ ޚިޔާލެއް ކަމުގައި ދެކި ހުރިހާ ޚިޔާލުތަކަށް
މަރުޙްބާ ކިޔުމަކީ އޭގެ ސަބަބުން އެހެންމީހުނަށް ޚިޔާލު ފާޅުކުރުމަށް ހިތްވަރު
ލިބިދޭ ކަމެކެވެ. މިކަހަލަ ކޮމިއުނިޓީ ތަކުގައި ކޮމިއުނިޓީގެ ލާބަ އާއި
މަންފާއަށްޓަކާ ޚިޔާލު ފާޅުކުރުމަށް ރައްޔިތުންނަށް ހިތްވަރު ދެވޭނެއެވެ.
7.5. ހަމަހަމަކަން އޮތުން
ހަތަރުވަނަ
ކަމަކަށް، ރައްޔިތުންގެ ބައިވެރިވުން ލިބޭ ކޮމިއުނިޓީ ތަކުގައި ކޮމިއުނިޓީގެ
ކަންކަން ރާވާހިންގުމުގައި ބައިވެރި ވުމުގައި ރައްޔިތުންގެ މެދުގައި
ތަފާތުކުރުންތަކެއް ނުގެންގުޅޭނެއެވެ. ޢުމުރު، ޖިންސް، ތައުލީމި ފެންވަރު، ކުރާމަސައްކަތް، ވަޒީފާގެ މަޤާމް ނުވަތަ މުއްސަނދިކަން
ފަދަ އެއްވެސް ކަމެއްގެ ސަބަބުން ކޮމިއުނިޓީގެ މަސައްކަތުގައި އެމީހެއްގެ ހިއްސާ
ވުމުގައި ތަފާތުތަކެއް ނުގެންގުޅޭނެއެވެ. އަދި މިފަދަ ކޮމިއުނިޓީތަކުގައި ކުރެވޭ
މަސައްކަތްތަކުގައި ބައިވެރިވުމަށް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ހިތްވަރުދޭނެއެވެ.
7.6. މިނިވަންކަމާއިއެކު ބައިވެރިވުން
އެންމެ
ފަހުކަމަކަށް، ރައްޔިތުންގެ ބައިވެރިވުން ލިބޭ ކޮމިއުނިޓީ ތަަކަކީ ވަކި މިހަކު
ނުވަތަ ވަކި ގްރޫޕަކުން ނުވަތަ ވަކި ޖަމާޢަތަކުން ނުވަތަ ޕާޓީ އެއްގެ
ކޮންޓްރޯލްގައި ތިބޭ ބައެއްނޫނެވެ. އަދި މިފަދަ ކޮމިއުނިޓީ ތަކުގެ ލީޑަރޝިޕް އިން
ވެސް އެމީހުންގެ ވަކި ވިސްނުމަކާ ދިމާއަށް ގެންދަން މަސައްކަތް ކުރުމުގެ
ބަދަލުގައި ކަންކަމުގައި ފުޅާ ދާއިރާއެއްގައި މިނިވަންކަމާއެކު މަޝްވަރާކުރުމަށް
ހިތްވަރު ދޭނެއެވެ. އަދި މިފަދަ ކޮމިއުނިޓީ ތަކުގެ ލިޑްަރުންނަކީ އަމިއްލަ
އެޖެންޑާއެއް ނެތި ކަންކަން ނިންމުމުަގއި ފުޅާދާއިރާއެއްގައި ކޮމިއުނިޓީގެ
މަޝްވަރާއަށް ފުރުސަތުދޭނެ ފަރާތްތަކެވެ.
No comments:
Post a Comment