Tuesday, July 1, 2014

މި އަޅުވެތިކަމަށް ނިމުމެއް އަންނަންޖެހެއެވެ!



މުޙައްމަދު ހުސައިން




އޭޝިޔާ ބައްރުގެ ދެވަނަ ސިންގަޕޫރަކަށް ރާއްޖެ ހައްދަވައިދެއްވާނެކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް އަސާސީ ޚިދުމަތްތައް ކަށްވަރުކޮށްދީ ރައްޔިތުން ބާރުވެރިކުރުވާނެކަމަށް މި ރާއްޖޭގެ ވެރިކަމަށް އަންނަ ހަމަ ކޮންމެ ބޭފުޅަކުމެ ވަޢުދުވެލައްވައެވެ. މި ވަޢުދަކީ އެ ވަޢުދެއް ފުރިހަމަވުމަށް ހަމަ ހަޤީގަތުގައިވެސް ރާއްޖޭގެ އެންމެހާކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން އަބަދުމެ އެދިއެދި ތިބި ވަޢުދެކެވެ. ހިތާމަޔަކީ ވެރިކަމަށް އަންނަން ޖަހާބެރަށް ކިޔާ ލަވަޔަކަށް މި ވަޢުދުވެ، ވެރިކަމަށް އައުމުގެ ކަންކަން ނިމުމުން ހަމަ ކޮންމެ ވެރިޔަކުހެން މި ވަޢުދުން ރެކެން މަސައްކަތްކުރުމެވެ. ރާއްޖޭގެ ވެރިކަމުގެ ހަޤީޤީ ބާރުވެރިން ކަމުގައިވާ ރައްޔިތުންނާއި އެ ރައްޔިތުން ތަމްޞީލުކުރުމަށް ހޮވޭ މެމްބަރުންގެ %80 އަށްވުރެ ގިނަ މެމްބަރުން ހޮވަނީ ރާއްޖެތެރެއަށް ނިސްބަތްވާ ދާއިރާތަކުން ކަމަށްވިޔަސް މިއިން ހަމަ ކޮންމެ މެމްބަރެއްގެވެސް ހަޤީޤީ މަސައްކަތްކަށް ވެފައި އޮންނަނީ، ކޮންމެ ސަރުކާރެއްގެވެސް އަސްލު ލަނޑުދަނޑިކަމަށްވާ "ގްރޭޓަރ މާލެ" ނުވަތަ 21 ވަނަ ޤަރުނުގެ އެންމެ ތަރައްޤީވެފައިވާ ވެރިކަންކުރާ ރަށުގެ ގޮފިތައް ފެޅުވުމަށް އެ ގްރޭޓަރ މާލޭގެ މޫތަކަށް ފެންދިނުމެވެ.



މާލެ ތޮއްޖެހި އިޖްތިމާޢީ ބަލިމަޑުކަމެއްގެ ތެރޭގައިވާއިރު މާލޭގައި ދިރިއުޅުމުގެ ރައްކާތެރިކަމެއް އަމުދަކުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތަކުގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނައީ ވެރިކަންކުރާރަށް މާލޭގައި ހިންގާ ކުށްތަކެވެ. މާލޭގައި ވަޒަންވެރިވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ޤައުމީ ދިފާޢީ ބާރުން ސެކިޔުރިޓީއާއި ހިމާޔަތް ލިބުނުކަމުގައިވިޔަސް މި ހިމާޔަތެއް މާލޭގައި ދިރިއުޅޭ ގިނަބަޔަކަށް ލިބިފައެއް ނުވެއެވެ. ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމަށްޓަކައި ރަށްރަށާއި އަތޮޅުތަކަށް ކައުންސިލްތަކާއި އަތޮަޅު ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކޮށްފައިވާއިރު މި ކައުންސިލްތަކަކީ މަރުކަޒީ ސަރުކާރުން ކުރަން ކަނޑައަޅާ ކަންކަން އެކަނި ކުރެވޭގޮތަށް މަސައްކަތްކުރަންޖެހޭ ބަޔަކަށްވެސް ވެ ނިމިއްޖެއެވެ. ލާމަރުކަޒީގެ އަސްލު މާނަވެސް ހަމަ އެބީދައިން މިހާރު މިވަނީ އޮޅިފައެވެ. އަތޮޅުތެރޭގައި ހުންނަ ބޮޑެތި ފަޅު ރަށްތަކާއި ތަރައްޤީކުރެވޭނެފަދަ އެކަށީގެންވާ ހުރިހާ ތަނެއްގެ މިލްކުވެރިކަން އޮންނަނީ މަރުކަޒީ އިދާރާތަކަށެވެ. ބޮޑު ބޭފުޅާ ފޫހިފުޅު ފިލުވާލަން ޕިކްނިކް ދާނެ ރަށެއް ނެތިއްޔާ އެ ދެއްވަނީ ހަމަ ސަރާސަރު ބޮޑު ސިންގާ ދޮންވެލި ގަނޑަކާ އެހާމެ ރީތި މޫދެއް އޮންނަ ފަޅުރަށް ހިތަކަށެވެ. ބޭނުން ކަމެއް ކުރައްވާށެވެ. 



މާލެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ރާއްޖޭގައި ހިންގާ ހަރަކާތަކީ ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ރޯމާ ދުވާލު ރައްޔިތުންގެ ފައިސާއިން ކުރާ އެންމެ ބޮޑު އިސްރާފަށްވެފައިވާ ކަމަކީވެސް ހަމަ ހަގިގަތެކެވެ. މިހާރުވެސް މީހުން ދިރިއުޅޭ ބިން ބޮޑެތި އެތައް ރަށެއް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހުއްޓާވެސް ހަމައެކަނި މާލޭގެ ސަރަޙައްދު ތަރައްޤީކުރަނީ ހަމަ ޔަޤީނުންވެސް ރަށްރަށުގައި ތިބި ރަށްވެހީން ބިކަކޮށް ނިކަމެތި ޙާލުގައި ޖެއްސުމަށެވެ. މިހެން ބުނަންޖެހެނީ އިންސާނީ ތަބީޢަތުގައިވެސް ހަމަޖެހިގެން ދިރިއުޅެވެން އޮންނަކަމަށްވަންޏާ އެފަދަ ތަންތަނަށް މީހުން ހިޖުރަކޮށް ވަޒަންވެރި ވަމުންދާކަން ތާރީޚުގެ ފަތްފުށްތަކުން ހެކިދޭތީއެވެ. މިސާލަކަށް ދަންނަވާނަމަ، ހުޅުމާލޭގައި އެ އޮތްގޮތަށް ދަތުރުފަތުރާއި، ގެދޮރު ޢިމާރާތްކުރެވޭނެފަދަ ވަޞީލަތްތަކާއި ކުންފުނިތަކުގެ އިތުރުން މުދާ ފަސޭހައި ބަރުކޮށް ބޭލޭނެ ނިޒާމެއް ރާއްޖޭގެ އެހެން ހިސާބެއްގައިވެސް ތަރައްޤީކޮށް އަޖުމަބެލުމުގެ ގޮތުންނަމަވެސް އެކަން ކުރިނަމަ ވަށައިގެން މާލޭގެ ގޮފިތައް ހަދާ ވިލިމާލެ، ހުޅުމާލެ، ތިލަމާލެ އަދި ނުވިތާކަށް ގުޅިމާލެވެސް ހިއްކާކަށް ނުޖެހޭނެއެވެ.



ފެނާއި ކަރަންޓާއި، ސިއްޙީ ޚިދުމަތްތަކާއި، ފޭރާމާއި އަންނައުނުގެ އިތުރުންވެސް އެހެނިހެންވެސް މުހިންމު އަސާސީ ޚިދުމަތްތައްވެސް ހަމަހަމަ އުސޫލަކުން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދޭނެ ތަންތަން ބިނާކުރުމަށް ސަރުކާރުތަކަށް ލާޒިމްކުރުވީ ހަވަރު އެއްވެގެން ބަޔަކުމީހުން ހަނާކޮށްލައިގެންނެއް ނޫނެވެ. އެކަމަކު ވެރިމީހާއަށާއި، ވިޔަފާރިވެރިޔާއަށާއި، ރައްޔިތު މީހާއަށްވެސް ހަމަހަމަ އުސޫލަކުން މި އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނީ ހުރިހާ ދިވެހި ރައްޔިތުން ނިކުމެ ޑިމޮކްރަސީގެ ފުރިހަމަ އުސޫލުން ޤާނޫން އަސާސީއެއް އެކުލަވާލުމަށްޓަކައި ވޯޓުފޮށިތައް ކައިރިއަށްގޮސް ވޯޓްލައިގެން ހޮވި މެމްބަރުންތަކެއްގެ ބުރަ މަސައްކަތުންނެވެ. މިއަދު މި ޤާނޫންތައް ބުނާ ރައްޔިތު މީހާއަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހައްޤުތައް ފިޔަވާ އެހެން ހުރިހާކަމެއްވެސް ބަރާބަރަށް ހިނގައެވެ. ޤާނޫން އަސާސީއިން އަންގާގޮތަށް ރައްޔިތުން އަދާކުރަންޖެހޭ ޒިންމާ ރައްޔިތުން ބަރާބަރަށް އަދާކުރެއެވެ. ވެރިޔަކު ހޮވަންވީމަވެސް ރައްޔިތު މީހާ އެމީހާގެ ވާޖިބު އަދާކުރެއެވެ. މެމްބަރުން ހޮވަންވީމަވެސް ހަމަ އެބީދައިން އެކަންވެސް ކުރެއެވެ. ދައުލަތަށް ޓެކްސް ދައްކަން ބުނީމާ އެވެސް ބަރާބަރަށް ދައްކައެވެ. ބަލިވުމުން ބޭސްފަރުވާކުރަންވެސް ރައްޔިތު މީހާ ދެއެވެ. ކަރު ހިއްކައިގަތީމާ ފެންބޯންވެސް ރައްޔިތު މީހާ ދެއެވެ. ކިޔަވާކުދިންނާއި ވަޒީފާތަކުގައި އުޅޭ މީހުން އެމީހުންގެ ވާޖިބު އަދާކުރަން ދާންޖެހޭ ދިމާލަކަށް ދެއެވެ. ރައްޔިތުންނަށް އިހުމާލުވެ ވާޖިބު އަދާނުކުރަނީ ކާކު/ކޮންބައެއްކަން ދެނެގަތުމަށް މި ލިޔުން ކިޔާ ބައެއްގެ އަތްމައްޗަށް ދޫކޮށްލީމެވެ.


No comments:

Post a Comment

Meedhaa