ރާއްޖެތެރޭމީހުން
ޘަޤާފީ ގޮތުން "ރާއްޖެތެރޭ މީހުން"
މިބަސް ދިވެހިރާއްޖޭގައި ބޭނުން ކޮށްފައިވާ އެއްގޮތަކީ، ވިސްނުމުގެ ގޮތުން ދެރަ، މާލެ ނޫންއެހެން ރަށްރަށަށް އުފަން ވެފައިވާ
މީހުންނަށްކަމަށް މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ. އަދި މި ބަހަކީ ދިވެހި
ދަޢުލަތުގެ ޤާނޫނާއި ޤަވާއިދުތަކާ ސިޔާސަތުތަކުގަ އަދި ދިވެހި މީޑިޔާއިންވެސް
މާލެނޫން ކޮންމެ ރަށަކަށް އުފަންވާ މީހުންނަށާއި މާލެނޫން ކޮންމެ ރަށަކަށް
ނިސްބަތްކޮށް ބޭނުންކުރާ ބަހެކެވެ.
ކުލިދައްކައިގެން
ޚިދްމަތްހޯދާ މީހުން
ރާއްޖޭގެ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި
ބުނެފައިވާ އަސާސީ ހައްގުތަކާއި އިޖުތިމާއީ އަދި އިގްތިސާދީ ހައްގުތަކުން
ރާއްޖެތެރޭ މީހާ މަހުރޫމުކުރަމުންދާކަމަށް މިހަރަކާތުން ދެކެއެވެ. ނަތީޖާއެއްގެ
ގޮތުން ރާއްޖެތެރޭމީހުންނަށް އެމީހުން އުފަންރަށުން ލިބިފައިހުރި އެމީހުންގެ
ގޯތިގެދޮރު ދޫކޮށް މާލެއަށް އައުމަށް މަޖުބޫރުވެއެވެ. މާލެއަށް އައުން
މަޖުބޫރުވަނީ ހިދުމަތްތަކާއި ވަޒީފާގެ ގިނަ ފުރުސަތުތައް މިހާތަނަށްވެސް
ޤާއިމުކޮށްފައިވަނީ މާލެ އާ މާލެ ކައިރިން ކަމަށްވާތީއެވެ. ދިވެހިރާއްޖޭގެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ދިރާސާއަކުން ދައްކާ ގޮތުން މާލޭގެ ގެދޮރުގެ
ކުއްޔަށް ކުލިދައްކާމީހުންގެ އާމްދަނީގެ %85 ހަރަދުކުރަން ޖެހެއެވެ. މިގޮތަށް ކުލި
ދައްކައިގެން މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ރާއްޖެތެރޭ މީހުންނެވެ.
ސަރަޙައްދީ
ތަރައްޤީ އަކީ ހަމައެކަނި ގްރޭޓަރ މާލެ އުފެއްދުންތޯ؟
މާލެ ތޮއްޖެއްސުން ކުޑަ ކުރުމުގެ ގޮތުން ސަރަހައްދީ
ތަރައްގީއަށް މަގުފަހިކުރުމަށް ދިވެހި ދައުލަތުން ވަނީ އެހީ ދޭ ޖަމާއަތްތަކުންނާއި
ބޭންކުތަކުން އެހީހޯދާފައެވެ. މިގޮތުން 1990ގެ ފަހުކޮޅު އާއި 2000ގެ ކުރީކޮޅު
ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރަހައްދީ ތަރައްގީގެ މަޝްރޫއުތަކެއް ފެށިއެވެ.
އެހެންނަމަވެސް އެ މަޝްރޫއުތައް ތަންފީޒުވެނިމިގޮސްފައިވަނީ ވަރަށް ދޯދިޔާކޮށެވެ.
އަދި އެ މަޝްރޫއުތަކުން ހާސިލުކުރަންބޭނުންވި މަގުސަދުތަކާއި ހިލާފަށް މާލެއަށް
މީހުން އިތުރަށް ހިޖުރަކުރުން ގިނަވާގޮތަށް އެތަށް މިލިއަންޑޮލަރަށް މާލެކައިރީ
ފަޅު ހިއްކާ ހުޅުމާލެ ހެދިއެވެ. ދެކުނާއި އުތުރުގައި ފަށާފައިވާ ސަރަހައްދީ
ތަރައްގީގެ މަޝްރޫއުތައް "ނިމިގެންދިޔައީ" އެހިސާބުތަކުގައި
ހިދުމަތްތަކާއި ވަޒީފާގެ ފުރުސަތުތަށް ޤާއިމުނުކޮށެވެ. 2005 ވަނަ އަހަރު ބިންބޮޑު
ލ.ގަން "ހުޅުމާލެ އާ އެއްފެންވަރަށް ތަރައްޤީ ކުރާނެކަމަށް" ސަރުކާރުން
އިޢުލާނު ކުރިނަމަވެސް އެކަމުގެ އެއްވެސް އަސަރެއް، ހިލަމެއް އަދާހަމައަށްވެސް
ވެފަކާނެތެވެ. ސަރުކާރުން އަނެއްކާވެސް ފެށީ މާލެއާއި މާލެކައިރިން ކަނޑުން ހިއްކިބިން
ހުޅުމާލޭގަ އުމްރާނީ ތަރައްގީއާއި ގޯތިގެދޮރާއި ވަޒީފާގެ ފުރުސަތުތައް ފަހި
ކުރުމުގެ މަސައްކަތެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެތެރޭމީހުން މާލެއަށް
ހިޖުރަކުރުން އިހުނަށްވުރެ ބޮޑަށް އިތުރުވެގެންދިއައެވެ. 2011 ގައި ސަރުކާރުން
އިސްނަންގަވައިގެން މާލެ ކައިރީގައި ފެށި "ގުޅީފަޅު" ޕްރޮޖެކްޓަކީ 600
މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މިހާރު ސަރުކާރުން 59 މިލިޔަން ޑޮލަރަށް
ހުޅުމާލޭގެ ބިން އިތުރަށް ހިއްކުމަށް ވަނީ ނިންމާފައެވެ.
ފާއިތުވި ހުރިހާ ސަރުކާރަކުންވެސް ހަމައެކަނި
މާލޭގެ ރައްޔިތުންނަށް އަމާޒުކޮށް މާލޭގެ ރައްޔިތުންގެ ގެދޮރު އިމާރާތްކުރުމަށް
ހާއްސަ ސްކީމްތައް ހިންގާފައިވެއެވެ. މިފަދަ ސްކީމްތަކުން މާލޭގެ ރައްޔިތުން
ގެދޮރުބިނާކޮށް ހިދުމަތްތައް ލިބިގަތުމަށް ރާއްޖެތެރެއިން އަންނަމީހާއަށް ބޮޑެތި
އަގުގައި ކުދިކުދި ފްލެޓާއި ކޮޓަރިތައް ކުއްޔަށް ދެމުން ގޮސްފައިވެއެވެ.
ސަރުކާރާއި މަޖިލީހުން ގެދޮރުގެ ކުލި ރެގިއުލޭޓްކުރުމަށް އެއްވެސް މަސައްކަތެއް
ކޮށްފައެއް ނުވެއެވެ.
ދިވެހި ސަރުކާރުން މިހާރު އިއުލާނުކޮށް
ހިންގަމުންދާ ބައެއް ކަންކަމުގެ ތެރޭގަ :
1)
59 މިލިޔަން ޑޮލަރަށް ހުޅުމާލެ ދެވަނަ ފޭސް ހިއްކުމާއިއެކު އެތަނުގައި
ޒުވާނުންގެ ސިޓީއެއް ގާއިމުކުރުން. މި ސިޓީ އަކީ ގްރޭޓަރ މާލެ އުފެއްދުމަށް
ސަރުކާރުން ގެންގުޅެ ތަސައްވަރުގެ ބައެއް.
2)
ކުދިރަށްތަކުގެ މީހުން
ބޮޑެތިރަށްތަކަށް ބަދަލުކުރުމަށް ގާނޫނެއް ފާސްކުރުން.
3)
ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރު ހަނިކުރުމާއި ބިމާއިބެހޭ
ކަންކަމުގައި ރަށްރަށުގެ ރައްޔިތުންގެ ބާރު ނުހިނގާގޮތަށް ހެދުމަށް އެކި
ފިޔަވަޅުތައް އެޅުން.
4)
މާލެ، ވިލިމާލެ، ހުޅުމާލެ ގުޅުވާލާ ބްރިޖެއް އެޅުން.
5)
$40 މިލިއަންގެ ފުޓުބޯޅަ ސްޓޭޑިޔަމެއް
ހުޅުމާލޭގަ އެޅުން.
ބުނެވިދިޔަ ކަންކަމަކީ ވެރިކަންކުރާ ރަށްކައިރިއަށް
ހުރިހާ ތަރައްގީއަކާއި ހުރިހާ ބާރެއް މައި ސަރުކާރުގެ މުށުތެރެއަށް ލާ
ބަންދުކުރުމެވެ. އަދި މިއީ ހުދު ސަރުކާރުގެ އެކިއެކި މުވައްސަސާތަކުން ދިރާސާކޮށް
ނެރެފައިވާ ރިޕޯރޓުސްތަކާއި އ.ދ އިންނާއި ބައިނަލްއަގުވާމި އެކި ޖަމިއްޔާތަކުން
ދީފައިވާ ލަފާއާއި ހިލާފު އުސޫލެކެވެ.
ސަރަހައްދީ
ތަރައްޤީ އަށް އަހަރުމެން ގޮވާލާ ބައެއް ސަބަބުތައް:
1. މީގެ ކުރިން، ކުދި ރަށްރަށުގެ މީހުން
ބޮޑެތިރަށްރަށަށް ބަދަލުކޮށްފައިވަނީ އެ އަތޮޅެއްގެ މީހުން އެ އަތޮޅެއްގެ ރަށަކަށް
ބަދަލުކުރާ އުސޫލުންނެވެ. މިހާރު ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ބައެއް
އެމީހުންގެ އަމިއްލަ ރަށާއި އަތޮޅުވެސް ދޫކޮށް މާލެއާއި މާލެ ކައިރިއަށް
ހިޖުރަކުރުވުމެވެ.
2. މީގެކުރިން މީހުން ބަދަލުކުރުވުމުގެ
މަޝްރޫއުތައް ހިންގާފައިވަނީ އަތޮޅުތަކުގެ ކުދި ރަށްރަށުގައި ތިބި މީހުންގެ
އެދުމުގެ މަތީން އެ އާބާދީ އެއަތޮޅުތެރޭގެ ބޮޑު އެހެން ރަށަކަށް ބަދަލުކުރާ
އުސޫލުންނެވެ. މިކަމަށްޓަކައި ވަކި ގާނޫނީ ބާރެއް ލިބިގެނެއް ނޫނެވެ. މިގޮތަށް
ބަދަލުކޮށްފައިވަނީ ރައްޔިތުންނާއި މަޝްވަރާކުރެވިގެންނެވެ. ސަރުކާރުން މީހުން
ބަދަލުކުރުމަށް ގާނޫނެއް ހުށަހަޅާނެ ކަމަށް ބުނެފައިވަނީ ގްރޭޓަރ މާލެ ހެދުމުގެ
މަސައްކަތާއި ގުޅިގެން އަދި ހުޅުމާލޭގެ ދެވަނަ ފޭސް އާއި ހުޅުމާލޭގައި 40 މިލިއަން
ޑޮލަރުގެ ސްޓޭޑިއަމްއެއް އެޅުމަށް އިއުލާންކުރުމާއި ގުޅިގެން ކަމަށްވާތީ،
ރާއްޖެތެރޭގެ ގިނަ މީހުން މިކަމާއި މެދު ކަންބޮޑުވެ ނުރުހުން ފާޅުކުރެއެވެ.
3. މިހާރުވެސް މީހުން ދިރިއުޅޭ ގުދުރަތީ
ބިން ބޮޑެތިރަށްތަށް އޮއްވާ މާލެ ކައިރީ ފަޅުން 200 ހެކްޓަރު އެތަށް މިލިޔަން ޑޮލަރެއް
ހަރަދުކޮށްގެން ހިއްކުން އެއީ އޭގެ ހަގީގީ މަގުސަދާއި މެދު ސުވާލުއުފެދޭކަމެކެވެ.
4. ވެރިކަންކުރާ ރަށަށް ބިން އިތުރުކޮށް
ތަރައްގީކުރުމަށް 250 މިލިޔަން ޑޮލަރު ހަރަދުކުރުމަށް ނިންމާފަވާއިރު ރާއްޖޭގެ
ގިނަ ރައްޔިތުންތަކެއް ތިބި އަތޮޅުތަކުގައި އަސާސީ ހިދުމަތްތައް އެކަށީގެންވާ
ފެންވަރަށް ނުލިބެއެވެ.
5. ރާއްޖޭގެ ގާނޫނު އަސާސީއިން
ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ނިސްބަތްވާ ރަށަށް ބިނާކޮށް ތަފާތުކުރުމެއްނެތި
ލިބިދެވިފައެއް ނެތެވެ. މިސާލަކަށް ކޮންމެ އަހަރަކުވެސް ރާއްޖެތެރޭގެ އެތަށް
ރައްޔިތުންނެއް ސާފު ބޯފެނަށް ޖެހެއެވެ. އަހަރުދުވަހު ސާފު ބޯފެން ކަށަވަރުވަނީ
ހަމައެކަނި މާލެ ހުޅުމާލެ އަދި ވިލިމާލެއަށެވެ. މިތަންތަނުގައި ލޮނު ފެން
މީރުފެނަށް ހަދާ ބޮޑެތި ޕްލާންޓްތައް ހުރެއެވެ. ހޫނު މުސޫމުގައި ރާއްޖެތެރޭގެ 97
ޕަސަންޓު ރަށްތަކުގެ މީހުން ސާފު ބޯފެން
ނުލިބުމުގެ ދަތިކަން އިހުސާސްކުރަން ޖެހެއެވެ. ކަމުގެ މާހިރުން އަންދާޒާ ކުރާ
ގޮތުގައި މުޅި ރާއްޖެއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަރަދުކުރަން ޖެހޭނީ 56
މިލިޔަން ޑޮލަރެވެ. ރާއްޖެތެރޭގައި އެކަށީގެންވާ ސިއްހީ ފަރުވާއާއި، ފެނާއި
ނަރުދަމާއާއި ދަތުރުފަތުރު ގާއިމުކުރެވިފައެއް ނެތެވެ. ރާއްޖޭގެ އާބާދީ ދެވަނައަށް
އެންމެ ބޮޑު އައްޑޫ ސިޓީގައި ވެސް ނަރުދަމާއާއި ކުނި ނައްތާލާނެ ނިޒާމެއް ނެތެވެ.
6. ދިވެހިރާއްޖެ ޖަޒީރާ ގައުމެއްގެ
ގޮތުގައި އޮވެ ރާއްޖެ ވަނީ ސާސްކަފުގެ ހުރިހާ ލަނޑުދަނޑި ތަކެއް ހާސިލުކޮށްފައެވެ.
ވީމާ ހުރިހާ ރައްޔިތުން ހަމައެކަނި މާލެއާ
މާލެ ކައިރިން ހިއްކާފައިވާ ބިންތަކަށް ހިޖުރަނުކޮށް، ޖަޒީރާ ގައުމެއްގެ އަސްލު
ނުގެއްލޭގޮތަށް ތަރައްގީގެ ދެންހުރި ހަރުފަތްތަކަށް ވާސިލުވުމަކީ ރާއްޖެއަށް
ކުރެވޭނެ ކަމެކެވެ.
7.
2006 ވަނަ އަހަރުގެ ބޯހިމެނުމުގެ
ދިރާސާ ރިޕޯޓުގައި ބުނެފައިވާގޮތުން އެކިދާއިރާތަކުން، ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ދާއިރާއިން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް
އަހައްމިއްޔަތުކަން ދެވިފައިވަނީ ވަރަށް ކުޑަކޮށެވެ. އާބާދީގެ ބޮޑު ބައެއްގެ
ތައުލީމީ ފެންވަރު ދަށެވެ. މާޗް 2006 ގެ ނިޔަލަށް އޯ ލެވެލް ފެންވަރަށް ތައުލީމު
ހާސިލުކޮށްފައިވަނީ %15 އަދި އޭ ލެވެލް ހަދާފައިވަނީ %2 ދަރިވަރުންނެވެ.
މީގެއިތުރުން ސެކަންޑަރީ ތައުލީމު (ގްރޭޑު 8 ކުން 10 އަކަށް) ހާސިލުކޮށްފައިވަނީ %12
އެވެ. ޔުނިވަރސިޓީ ފެންވަރު ތައުލީމު ލިބިފައިވަނީ އާބާދީގެ %1 އަށެވެ. މި
ރިޕޯޓުން ދައްކާގޮތުން މާލޭގެ ތައުލީމީ ހާލަތު ރާއްޖެތެރެއަށްވުރެ ސެކަންޑަރީ އަދި
ސާނަވީ ފެންވަރުގައި ވަރަށް ބޮޑުތަންވެސް ރަނގަޅެވެ. އަތޮޅުތަކުގައި އެއްވެސް
ތައުލީމީ ފެންވަރެއް ނެތި (އަސާސީ ތައުލީމު ފިޔަވާ) ގިނަ ބަޔަކު އުޅެވެ.
8.
ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ އަސްކަރިއްޔާއަށް 12 ވަނައަށް އެންމެ
ގިނައިން ހަރަދުކުރާ ގައުމެވެ. މިގޮތުން ރާއްޖޭގެ ޖީ.ޑީ.ޕީގެ 5.5 އިންސައްތަ
އަސްކަރިއްޔާއަށް ހަރަދުކުރެއެވެ. ޑޮކްޓަރުންނާއި، ޓީޗަރުންނާއި ދެންވެސް އެކި
ފަންނުތަކުގެ މީހުން އަތޮޅުތަކަށް ހާއްސަކޮށެގެން ތަމްރީނުކުރެވިފައެއް ނުވެއެވެ.
މިހެންވުމުން އޯލެވެލް ނިންމުމަށްފަހު ޖެހެނީ ވަޒީފާ ހޯދުމަށް މާލެ އަންނާށެވެ.
އަތޮޅުތެރޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އަސްކަރިއްޔާއަށް ދޭ
އަހައްމިއްޔަތުކަން ނުދެވެންވީ ސަބަބެއް ނެތެވެ.
9. ސަރަހައްދީ ތަރައްގީ ގުރުބާންކޮށްފައި
ވެރިރަށް މާލެ / ގްރޭޓަރ މާލެއަށް ރާއްޖެތެރޭ މީހުން ހިޖުރަކުރުވުމަށް
މަޖުބޫރުކުރުވާ ސިޔާސަތުތަކެއް ތަންފީޒުވަމުން ދާއިރު ސަރުކާރުންވަނީ ރާއްޖޭގެ
ފަޅުރަށްތައް 99 އަހަރަށް ރިސޯޓު ހެދުމަށް އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް
ގާނޫނެއް އެކުލަވާލާ ވާހަކައާއި ރާއްޖޭގައި އަމިއްލަ ގޮތުން ބިންހިއްކާ
ފަރާތްތަކަށް ހިއްކާ ބިމުގެ 50 ޕަސަންޓް އަމިއްލަ ކުރެވޭގޮތަށް ގާނޫނެއް
ފާސްކުރާވާހަކަ އިއުލާނުކޮށްފައެވެ.
ހުށަހެޅުންތައް
1. ބިން ހިއްކުމާއި މީހުންބަދަލުކުރުމާއި ބެހޭގޮތުން ހުރިހާ
ފަންތިއެއްގެ، ހުރިހާ ގިންތިއެއްގެ މީހުން ހިމެނޭގޮތަށް ގައުމީ މަޝްވަރާތައް
ބޭއްވުން.
2. މާލެ، ވިލިމާލެ، ހުޅުމާލެ ގުޅީފަޅު، ނުވަތަ މާލޭ ސަރަހައްދުން އިތުރަށް ބިން ހިއްކުމަށް ހަރަދުނުކޮށް އަދި
މިދެންނެވިތަންތަނުގައި ބްރިޖު އަޅާ ފުޓްބޯޅަ ސްޓޭޑިއަމް އަޅާ އެހެނިހެން އުމްރާނީ
ތަރައްގީ ގެނައުމުގެ ކުރިން ރާއްޖޭގެ ގާނޫނު އަސާސީ އިން ރައްޔިތުންނަށް
ލިބިދޭންޖެހޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ދަތުރުފަތުރާއި ވަޒީފާގެ
ފުރުސަތުތަކާއި، ސިއްހީ ހިދުމަތް ސަރަހައްދީ ތަރައްޤީގެ ނިޒާމަކުން
ކަށަވަރުކޮށްދިނުން.
3. މާލޭގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށް މާލެއަށް
މީހުން ތޮއްޖެހުން ކުޑަކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ގުދުރަތީ
ގޮތުން ބިން ބޮޑެތި އާބާދީ ބޮޑެތި ދެތިން
ރަށެއް ސިޓީ ފެންވަރަށް ތަރައްގީކޮށް އެ ސަރަހައްދުގެ އެހެނިހެން ރަށްތަކާއި މި
ސިޓީތަކާއި ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުން. މިގޮތަށް ކަންތައް ކުރުމަށް
ބައިނަލް އަގުވާމީ ޖަމިއްޔާ ތަކުން (އީ.ޔޫ، އ.ދފަދަ ޖަމިއްޔާތަކުން) ވަނީ ލަފާވެސް
ދެއްވާފައެވެ.
4. ރާއްޖެތެރެއާއި މާލެއާއި ދެމެދު ކޮށްފައިވާ އަދި ކުރަމުން
އަންނަ ތަފާތުކުރުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި،
ސަގާފަތާއި، އެމީހުންގެ ތިމާވެއްޓަށް ކޮށްފައިވާ އަސަރުދެނެގަތުމަށް ހިއުމަން
ރައިޓްސް ކޮމިޝަނުން ނޭޝަނަލް އިންކުއަރީއެއް ހިންގުން. އަދި އެކި ހިދުމަތްތައް
ރާއްޖެތެރެއިން ލިބުމަށް ދަތިވެ / މަހުރޫމުވެފައިވުމުގެ ސަބަބުން ހިޖުރަކުރަން
މަޖުބޫރުވުމުން ރާއްޖެތެރޭމީހާއަށާއި މާލޭގެ ރަށްވެހިންނަށް ކޮށްފައިވާ އިޖުތިމާއީ
އިގްތިސާދީ އަސަރުތައް ދިރާސާކުރުން.
5. އަތޮޅުތަށް ތަރައްޤީ ކުރުމުގަ ގެންގުޅޭނެ މައިގަނޑު
ވިސްނުން ސިޔާސީޕާޓީ ތަކުން މެނިފެސްޓޯ މެދުވެރިކޮށް ފާއިތުވި އަހަރުތަކުގަ
ހާމަކޮށްފައިވެއެވެ. މިގޮތުން އެމްޑީޕީ ގެ ވިސްނުމަކީ ރާއްޖޭ 7 ސަރަހައްދެއްގެ
ގޮތުގަ ތަރައްޤީކުރުމެވެ. ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ 5 ސަރަހައްދެއްގެ ގޮތުގަ
ރާއްޖެ ތަރައްޤީ ކުރުމެވެ. އަދި މި ދެންނެވި ސަރަހައްދުތަކުގަ ރަގަޅުފެންވަރުގެ
ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ. ވީމާ، މިހާރުގެ ޕީޕީއެމް ސަރުކާރުން
އަތޮޅުތައް ތަރައްޤީ ކުރުމުގަ ގެންގުޅޭ މައިގަނޑު ވިސްނުން، މާނައީ ރާއްޖޭގެ
އެކިހިސާބުތަކަށް ތަރައްޤީގެ ފައިދާތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް
ދިނުމަށް ސަރަހައްދުތައް ތަރައްޤީ ކުރާނެކަން ނުވަތަ ނޫންކަން، އަދި މިސަރުކާރުގެ
ދުރުވިސްނުމަކީ މާލޭސަރަހައްދަށް ކުލިދައްކައިގެން ރާއްޖެތެރޭރައްޔިތުން
ހިޖުރަކުރުވުންކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްދިނުން.
No comments:
Post a Comment