ކްރެޑިޓް:
ކައްޓި ހިއްވަރު
ރާއްޖެތެރޭ މީހުން. އަފިރިން އަފުން، އަހަންނާ،
އަހަރެމެން މަމެން، ރާއްޖެތެރެމީހުން. ހެދިބޮޑުވި ފަސްގަނޑުން ލުހެލައިގެން ގެނެސް
މިތާ މޫނެތް ގޮފިކޮޅުތަކެއް ހެން އިންދީމަ ކިތަންމެ ފެނެއް ދިނަސް މިތާކަށް މުލެއް
ނުލާ. ރަށް ވަށާ މުޅި މޫދުގައި މިނިވަންކަމާއެކު ފަތަފަތާ ތިއްބާ ދާޖަހާ
ހިފައިގެން ގެނެސް މިތާ، ސިމެންތި ޓޭންކްތަކެއް ތެރެއަށް ލީމާ، އަދި 100 ބީޗް
ހަދައިދިނަސް، މިފެނަކަށް ނުވެއް ދިރޭ. މެންދުރުގެ ހޫނުގައި ރައްދަކަ އަވީގައި
ދޮންވެލިގަނޑުގައި ހުސްފަޔާ ދޮވެލެ ދޮވެލާ ތިއްބާ ގާއެޅި މަގުތަކުގައި ހިނގަން
ޖެއްސީމައި، ބޫޓު އަދި ކިތަންމެ ފެންވަރަސް، ފައިގައި ފޮޅުލާ.
މިތާކު
އަހަރެމެންގެ ގެދޮރެއް ނެތް. ބޯމަތީ އަހަރެމެންގެ ފުރާޅެއް ނެތް. ދޭހާ އަތްވަކުން،
ވެހޭހާ ވާރެއަކުން، ގެދޮރު ވެރިންގެ ދަހިވެތިކަމުން، ވަޒީފާ ދޭ މީހުންގެ
އަޅުވެތިކަމުން، މިތާކު އަހަމެންނަށް ހިޔާވެއްސެއް ނެތް. މީކީ އަހަރެމެންގެ
ވަޒަނެއް ނޫން. އަހަރެމެންނަކީ މިތަނުގެ، މިތަނަކީ އަހަރެމެންގެ ބައެއްނޫން.
ކިތަންމެ ގާތަސް މީ އަހަންނާ ދުރު ހިލޭ ތަނެއް. ކިތަންމެ ތިމާގެޔޭ ބުންޏަސް
އަހަންނާ ގުޅުމެއް ނެތް ބިމެއް.
މިފަހަރު ޗުއްޓީގައި. ރަށަށް ދިޔާން. ރަށަށް.
މަގޭ ރަށަށް. ބުނެއެއްނު މަންމަޔަކު އޭނަ ވިހޭ ދަރިންނަށް ދޭ ލޯބި ރަށުން، ރަށުގެ
އުފަން ދަރިންނަށް ދޭނޭ. އެކަމަކު ފަސްގަޑަކީ ވަޅުލާ އެއްޗެއް. ހަނދާން ބަހައްޓާ
އެއްޗެއް ނޫން. މަތީ ތައުލީމު، މަތީ މަގާމު، ދިރިއުޅުމުގެ މަތީ ފެންވަރު، ހޯދަން
އެތައް އަހަރަކު އުޅެފަ އެނބުރި ރަށަށް ދިއައިރު އެމައި މީހާ އަހަރެމެން މަތިން
ހަނދާން ނައްތާލައިފި. އުޅެ ބޮޑުވި ގެ ވީރާނާ ވެއްޖެއް. ކުޑައިރުގެ ހަނދާން ތަކުގެ
ގަބުރަސްތާނަކަށް ބަދަލުވެއްޖެ. މިހާރު އެމަގުން ރަށު ބޮޑުމަގުން ދާ މީހުން އެގެ
ދައްކާފައި ބުނޭ، އެނގޭހޭ އެއްޒަމާނެއްގައި ދޮންތުއްތު ބޭބޭގެ ހަޔާތުގައި މިގެއަކީ
ދުވަހަކުވެސް ދޮރު ލައްޕާ ގެއެއް ނޫނޭ. މިގޭ ދޮރު އަބަދުވެސް ހުންނާނީ
މެހްމާނުންނަށް ހުޅުވިފައޭ. މިހާރު މިގޭ މީހުންނަށްވެސް ވޭތުކުރެވިއްޖެ.
މާލެއައިތާ ކުރީ ކޮޅު އޭރު މާލެ އޮންނާނީ އެންމެ 2 މަގު. ސުކޫލަށް ދާ މަގު. ގެއަށް
ދާ މަގު. އެދުވަހު ގެއަށް ދިއަ މަގުމަތިން ދިމާވި ދާއިތައަކު ހުއްޓުވާފައި އޭ ކޮއްކޯ
ކޮބާހޭ ޗާނދަނީ މަގު. ވަރަށް ލަދު ގަތް. ނޭގެޔޭ ބުނެފަ ދާން އެނބުރިލިއިރު
ޖެހިގެން ހުރި ފާރުގައި ކަނޑާ ނަގާފައި އޮތް ޗާނދަނީ މަގު. އެދުވަހަކު އެކަން ވީ
ހެއްވާ ކަމަކަށް. އެކަމަކު މިފަހަރު ރަށަށް ގޮއްސަ ރަށި އިސްކޫލު ހުށެފައި ދެން ވޭ
މަގެއް މަކަން ނޭގެނު. ގަމަށް އެރިގެން ގޮސް ފޭދުއަށް ފޭދޫން މަރަދުއަށް
މަރަދޫއިން ހަންކެޑެއަށް. ހިތަދޫ އަށް އެރެގެން ގޮސް ކޯއްޓޭ .. މަކަށް ނޭގުނު.
ރަށި ބަސް ދުލަށް ބަރަވެއްޖެ ފަތުސް ފަތިހަށް، ހެންނާ ހެނދުނަށް، މެނދިރި މެންދުރަށް،
ހަވީރި ހަވީރަށް، ރޭނގަނޑި ރޭގަނޑަށް ބަދަލުވެ. ބެނޑިއަށް އައްޑޫ ބޮނޑިއޯ ކިޔަން
ފެއްޓިގައި. މަމީ މިކޯ އަޅަ ގަނޑަ،
ރަށަށް ދިއާމަ އެނގުނީ. ރަށުމީދާ ރަށަށް
ގަދަވާނެކަން. މާލެ އައިމާ އެނގުނީ، މާލޭގައި މީދަލަށް ކާންދެނީ ކޮކަޑިކަން.
އަހަންނަކީ ރަށަކު މާލެއަކު ލައްވާ ނުލި މީދަލެއް. މިމާލެގައި ގެދޮރު ވެރިން
އުޅެން ކަމު ނުދާ ކުޑަ ގޮޅިގޮޅީގައި އުޅެނީ ހުސް މަކަހަލަ މީހުން. އަހަރެމެން މާލެ
އައިސް މާލެ މީހުންނަށް ވާންވެގެން އަދާކުރި އަގަކީ އަހަރެމެންގެ އަމިއްލަ
ވަންތަކަން އަހަރެމެންގެ ރަށްވަންތަކަން، މަ އެންމެ ފުރަތަމަ ދޫކުރީ ބޮޑު ބައްޕާގެ
ތަރިކަ އެކަމަކު އަދިވެސް މި މާލެ އަހަރެމެން ބަލައެއް ނުގަނޭ، އަހަރެމެންނަށް
މިމާލެ އަދިވެސް އަމިއްލައެއް ނުކުރެވޭ. މީކީ އަހަރެމެންގެ ވަޒަނެއް ނޫން.
އަހަރެމެންނަކީ މިތަނުގެ މިތަނަކީ އަހަރެމެންގެ ބައެއްނޫން. އަހަރެމެންނަކީ ރަށަކު
މާލެއަކު ލައްވާނުލި މީދާ ތަކެއް.
އަހަރެމެންމީ ކޮންބައެއް؟